11 ނޮވެމްބަރ 2016 - 23:56

ބަޣުދާދު (ނޮވެމްބަރު 11) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން މިދިޔަ އަންގާރަ ދުވަހު މޫސަލް އިން އާއްމުންގެ 40 މީހުންގެ ގަޔަށް ބަޑި ޖަހާ މަރާލުމަށް ފަހު އެ މީހުންގެ ހަށިގަނޑުތައް ހޮޅި ދަނޑިއަކަށް ނަގާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

މޫސަލްގެ އެކި އަވަށްތަކުގައި އައިއެސް އިން މިގޮތަށް ކަންތައް ކޮށްފައިވާ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. މޯބައިލް ފޯނު ބޭނުން ކުރުން މަނާކޮށްފައި އޮތް އޮތުމާ ޚިލާފުވި މީހެއްގެ ގަޔަށް އާއްމުންގެ ތެރޭގައި ބަޑި ޖަހާ މަރާލާފައިވާ ކަމަށް ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އދ.ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އާއްމުން މަރާފައި ވަނީ އައިއެސް އިން އަމިއްލަ އަށް ހަދާފައިވާ ކޯޓުތަކުން ނެރުނު އަމުރުތަކަކާ ގުޅިގެންނެވެ. އާއްމުންގެ 40 މީހުން މެރީ އެ މީހުން ގައުމަށް ޣައްދާރުވުމުން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ މީހުންނަކީ އިރާގު ސިފައިންގެ އެޖެންޓުން ކަމަށް ވެސް އައިއެސް އިން ވަނީ ބުނެފަ އެވެ.
އދ. އިން ބުނީ މޫސަލްގެ އުތުރުގެ އަސްކަރީ މަރުކަޒެއްގައި އާއްމުންގެ 20 މީހުންގެ ގަޔަށް ބަޑި ޖަހާ ބުދަ ދުވަހު މަރާލާފައިވާ ކަމަށެވެ. އެ މީހުން މެރީ މައުލޫމާތު ލީކުކޮށްގެން ކަމަށް އދ. އިން ބުނެފައިވެ އެވެ.
ހަނގުރާމައިގެ މައިދާނުން ފިލި ހަ މީހެއްގެ ބޯ ކަނޑާލާފައިވާ ކަމަށް އައިއެސް އިން މި މަހު 6 ވަނަ ދުވަހު އިއުލާންކޮށްފައިވާ ކަމަށް ވެސް އދ. އިން ވަނީ ބުނެފަ އެވެ.
އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވަނީ އައިއެސްގެ ބާރުގެ ދަށުން ހިފި ސަރަހައްދުތަކުގައި ގާނޫނު ތަންފީޒު ކުރުމުގެ ބާރު ހިންގުމަށް އިރާގު ސަރުކާރަށް ގޮވާލައްވައިފަ އެވެ.
އައިއެސްގެ ބާރުގެ ދަށުން މޫސަލް ހިފުމުގެ އޮޕަރޭޝަން އިރާގު ސިފައިން ފެށީ މިދިޔަ މަހު 17 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނުގައި 50،000 ސިފައިން ބައިވެރިވެެ އެވެ.