07 މާޗް 2021 - 13:00

ރޭގެ ވަގުތެއްގައި ބާޒާރުމަތީ ފަސް ފިހާރައެއް ފަޅާލައި ވައްކަންކުރި ފަހުން ހުޅުމާލޭގައި ހުންނަ އައިލެންޑް ބެވަރެޖަސްގެ ފިހާރަ ފަޅާލައި އެތަނަށް ވަދެ ތިއްބާ ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަން އެނގިއްޖެ އެވެ.
މިއީ މާލޭގައި ހިންގި ވައްކަންތަކާ ގުޅުން ހުރި ބައެއް ކަމަށާއި މި މީހުންގެ ތެރޭގައި ވައްކަމުގެ އެތައް މައްސަލައެއްގައި ހައްޔަރުކޮށް އެކި ފަހަރުމަތިން ޖަލަށް ލާފައިވާ، އަހްމަދު ފާރިޝް، މ. އޭޝިއާ ހިމެނޭކަން ވެސް "މިހާރު" އަށް ވަނީ އެނގިފަ އެވެ. މީނާގެ އިތުރުން ވެސް ރިސޯޓްތަކަށް އަރައި ވައްކަންކުރުމާއި މީހުން ރަހީނުކޮށް ވައްކަންކުރި ބައެއް މައްސަލަތަކުގައި ހިމެނޭ ބަޔަކު ވެސް ފުލުހުން އަތުލައިގަތް މީހުންގެ ތެރޭގައި ހިމެނޭކަން ވަނީ އެނގިފަ އެވެ.
ހުޅުމާލޭ ފިހާރަތެރޭ ތިއްބާ ހަތަރު މީހަކު ހައްޔަރުކޮށްފައި ވާއިރު މިކަމުގައި ހިމެނޭ އެހެން ބަޔަކު ފިލައިގެން ގޮސްފައިވާކަން ވެސް ވަނީ އެނގިފަ އެވެ.
އައިލެންޑް ބެވަރޭޖަސްގެ ފޭސްބުކް ޕޭޖުގައި، ވަގުން ފިލަން އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފައިވެ އެވެ. އޭގައި ފެންނަ ގޮތުގައި ވައްކަން ކުރަން ވަދެ އުޅުނު މީހުން ތިބީ ހުޑީ ލައިގެން، ސިފަ ވަކިކުރަން އުނދަގޫވާނެ ގޮތް ހަދައިގެންނެވެ. ވައްކަން ހުއްޓުވައި ވަގުން އަތުލައިގަތުމަށް ފުލުހުން ކުރި މަސައްކަތަށް އެތަނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ރޭ ދަންވަރު ބާޒާރުމަތީ ފަސް ފިހާރައެއް ފަޅާލައި ފައިސާ އާއި މުދާ ވަގަށް ގެންގޮސްފައިވެ އެވެ. މި ފިހާރަތަކަށް އެ މީހުން ވަދެފައި ވަނީ ފުރާޅުން ޓިނު ނަގައި ސީލިން ހަލާކުކޮށްލައިގެންނެވެ.