ބެޑްމިންޓަންގެ ފަރިތަކުރުންތައް ހުއްޓިފައި އޮތުމުން އުނދަގޫތަކެއް
ބެޑްމިންޓަންގެ ފަރިތަކުރުންތައް ހުއްޓިފައި އޮތުމުން އުނދަގޫތަކެއް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އެޅި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ބެޑްމިންޓަން އެސޯސިއޭޝަނުން ކްލަބް ޖަމިއްޔާތަކުގެ ޕްރެކްޓިސްތަަކަށް އިންޑޯ ހޯލް ދޫކުރުން މަޑުޖައްސާލުމާ އެކު ކްލަބްތަކާއި ކުޅުންތެރިންގެ ފަރިތަކުރުންތައް ފެށުން އަނެއްކާ ވެސް ލަސްވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ބެޑްމިންޓަން އެސޯސިއޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އިއްޔެ އިން ފެށިގެން އެޗްޕީއޭގެ ގައިޑްލައިނެއްގެ ތެރެއިން ކްލަބް ޖަމިއްޔާތަކަށް އިންޑޯ ހޯލް ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ގޮތަށް ކްލަބްތަކުން ހޮނިހިރު ދުވަހު ޕްރެކްޓިސްތައް ފަށަން ތައްޔާރުވަމުން އަންނަނިކޮށް އެޗްޕީއޭ އިން ބުރާސްފަތި ދުވަހުގެރޭ އިއުލާންކުރި އާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ބީއޭއެމް އިން ނިންމީ ވަގުތީ ގޮތުން ކްލަބްތަކުގެ ހަރަކާތްތަކަށް ކޯޓު ދޫކުރުން މަޑުޖައްސާލުމަށެވެ. އެކަން ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ "މިހާރު" އަށް ކަށަވަރުކޮށްދީފަ އެވެ. އަލުން ފެށެން އޮތީ އެޗްޕީއޭގެ އެންގުންތަކަށް ބެލުމަށް ފަހު އެވެ.

ކޮވިޑްގެ ހާލަތުގެ ސަބަބުން މިދިޔަ އަހަރުގެ މާޗް މަހު ބެޑްމިންޓަން ހަރަކާތްތައް ހުއްޓާލުމަށް ފަހު އަލުން ފެށީ އަށް މަސް ދުވަސް ފަހުންނެވެ. އަލުން ފެށިތާ މާގިނަ ދުވަހެއް ނުވެ އެޗްޕީއޭގެ ގައިޑްލައިންތަކެއްގެ ދަށުން މިދިޔަ ޑިސެމްބަރު މަހު ވަނީ މާލެ ސަރަހައްދަށް ހުޅުވާލައިގެން ޓީމް އިވެންޓް ބެޑްމިންޓަން މުބާރާތެއް ކުރިއަށްގެންގޮސްފަ އެވެ. ރަނގަޅު ތަރުހީބެއް ލިބުނު މި މުބާރާތުގައި އާ ގިނަ ކުޅުންތެރިންތަކެއް ވަނީ ކުޅެފަ އެވެ.

އޭގެ ފަހުން ބެޑްމިންޓަން ހަރަކާތްތައް އަލުން ފަށައިގެން ރަނގަޅު ދުވެއްޔެއްގައި ކުރިއަށް ދިޔަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ޖެނުއަރީ މަހު ބެޑްމިންޓަން ޔޫތު ޑިވެލޮޕްމަންޓް (ވައިޑީޕީ)ގެ މަސައްކަތްތައް ވެސް އަލުން ފަށައިފަ އެވެ.

އެކަމަކު މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ އެޗްޕީއޭ އިން މިދިޔަ މަހު ތިން ވަނަ ދުވަހު އެޅި ފިޔަވަޅުތަކާ އެއްގޮތަށް ބެޑްމިންޓަން ހަރަކާތްތައް ވެސް ހުއްޓާލަން ޖެހުނީ އެވެ. ބެޑްމިންޓަން ކްލަބްތަކުގެ ހަރަކާތްތަކާއި ވަކިވަކި ކުޅުންތެރިންގެ ތަމްރީންތައް ވެސް މަޑުޖައްސާލާފައި އޮންނަތާ މިހާރު މަހަކަށް ވުރެން ގިނަ ދުވަސްވެފައިވާއިރު، މީގެ ކްލަބްތަކާއި ކުޅުންތެރިންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ހާއްސަކޮށް ޕްރޮފެޝަނަލްކޮށް މިކަން ކުރާ ފަރާތްތަކަށް އޮތް ބޮލުގެ ރިހުން ބޮޑެވެ.

ބެޑްމިންޓަން ކްލަބެއްގެ އޮފިޝަލަކު "މިހާރު" އަށް ބުނީ ހަގީގަތުގައި މީގެ ކުރިން އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގައި ނިންމުންތައް އައި ގޮތް ރަނގަޅު ކަމަށެވެ. އެއީ މިދިޔަ އަހަރު އަށް ވަރަކަށް މަސް ކުޅިވަރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ހުއްދަދިންއިރު އިންޑިވިޖުއަލް ސްޕޯޓްސް އާއި ޓީމް ސްޕޯޓްސް އަށް ރަނގަޅު އުސޫލެއްގެ ތެރެއިން ހުއްދަ ދިން ކަމަށެވެ. އެކަމަކު މި ފަހުން މި އަޅާ ފިޔަވަޅުތަކުގައި ވަކި އިންޑިވިޖުއަލް ކުޅިވަރުތަކަކަށް ހުއްދަ ލިބިފައި އަނެއް ބައި ކުޅިވަރުތަކަށް ނުލިބުން މިއީ ގަބޫލުކުރަން އުނދަގޫ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"މީގެ ވަރަށް މުހިއްމު ކަސްރަތާއި އެހެނިހެން ކަންކަމާއި މެދު ވިސްނާ ގޮތަށް ސްޕޯޓްސް އިންޑަސްޓްރީއާ މެދު ވެސް ޕްރޮފެޝަނަލްކޮށް ވިސްނާލުން. އިންޑިވިޖުއަލް ބައެއް ކުޅިވަރުތަކަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ އޮންނަ ކަމަށް މައުލޫމާތު ލިބޭ. އެ ގޮތަށް އުސޫލެއްގެ ތެރެއިން ބެޑްމިންޓަން އަށް ވެސް ލިބުން އެދެނީ،" އެ އޮފިޝަލް ބުންޏެވެ.

"އަސްލު މީގެ އެބަޖެހޭ ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް އާއި މެންޓަަލް ހެލްތަށް ވެސް ރަނގަޅަށް ވިސްނަން. ކުޅިވަރު މެދުކަނޑާލާއިރު ވިސްނަން ޖެހޭ ވަރަށް ނުވިސްނައި ގޮތްތަކެއް ނިންމުން އެއީ މީގެ ގެއްލުންތަކެއް ދިމާވާނެ ކަމެއް. ކުޅިވަރަށް ހުސްވެގެން މިކަން ކުރާ ޕްރޮފެޝަނަލް މީހުންނަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ބަލާ. އެކަމަކު ރާއްޖޭގައި އެކަން ނެތުމަކީ ހިތާމައެއް،"

އެނގިފައިވާ ގޮތުގައި ބެޑްމިންޓަން ހަރަކާތް ހުއްޓާލަން ޖެހުނުއިރު ގައުމީ ޓީމުގެ ޕްރެކްޓިސްތައް ވެސް ހުއްޓިފަ އެވެ. އެންމެ ފަހުން ގައުމީ ޓީމުގެ ޕްރެކްޓިސްތައް ވެސް ކުރިއަށް ދިޔައީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިސްނަގައިގެން ފެށި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖެހުމުގެ ޕްރޮގްރާމްގައި އެންމެ ފުރަތަމަ ވެކްސިން ޖެހީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނެވެ.

އޮލިމްޕިކްސް އާއި މި އަހަރު ކުރިއަށްދާ ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ވާދަކުރުމުގެ އަމާޒުގައި މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ބެޑްމިންޓަން ޓީމުތަކުން އަންނަނީ ޕްރެކްޓިސް ކުރަމުންނެވެ.

ބެޑްމިންޓަން އަކީ ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ އަށް ރަން ވަނަ ތަކެއް ހޯދައިދީފައިވާ ކުޅިވަރެކެވެ. ގައުމީ ޓީމުގެ އިތުރުން ކްލަބްތަކުގެ ކުޅުންތެރިން ވެސް ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކާމިޔާބު ހޯދައިފަ އެވެ.