07 މާޗް 2021 - 14:03

އެމިރޭޓްސް އިން ދަތުރު ކުރާއިރު ކައިރީގައި ހުންނަ ސީޓު ހުސްކޮށް ބަހައްޓަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތުގެ ބޭނުން ހިފޭނީ ހަމައެކަނި އިކޮނޮމީ ކްލާހުން ދަތުރު ކުރާ މީހުންނަށް އެކަންޏެވެ. އެގޮތުން މި އެއާލައިނުން ދަތުރު ކުރާ މީހުންނަށް އިތުރަށް 55-165 ޑޮލަރާ ދެމެދުގެ އަގެއް ދެއްކުމަށްފަހު ކައިރީގައި ހުންނަ ސީޓު ހުސްކޮށް ބެހެއްޓޭނެ އެވެ. މިގޮތަށް އެއް ބަރިއެއްގައި ހުންނަ ތިން ސީޓު ހުސްކޮށް ބެހެއްޓުމުގެ ފުރުސަތު ލިބޭނެ އެވެ.
އެމިރޭޓްސް އިން ކުރި އިއުލާނެއްގައި ބުނެފައިވާގޮތުގައި ބުކިން ހަދާއިރު މި ސީޓުތައް ބުކެއް ނުކުރެވޭނެ އެވެ. ނަމަވެސް ބުކިން ޔަގީންވުމުން ސީޓުތައް ގަނެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
މިއީ ކަސްޓަމަރުންގެ އެދުމުގެ މަތިން އެމިރޭޓްސް އިން ގެނައި ބަދަލެކެވެ. އިކޮނޮމީ ކްލާހުން ދަތުރު ކުރާ އިރު ކައިރީގައި ނުދަން މީހަކު އިނުމާއި ބޭނުންވާ ޖާގަ ނެތުމަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. އެހެންކަމުން ޖާގަ ބޭނުންވާ މީހުންނަށް މި ޕްލޭން ކަމުދާނެ ކަމަށް އެމިރޭޓްސް އިން ބުނެ އެވެ.
އެމިރޭޓްސް އަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ދަތުރު ކުރާ އެއާލައިނެކެވެ. ގިނަ ދިވެހިން ދަތުރު ކުރަނީ އިކޮނޮމީ ކްލާހުގަ އެވެ.