ބަޣާވާތާ ނުރުހި ފިލަން އިންޑިއާ އަށް ދިޔަ ފުލުހުން ހަވާލު ކުރަން މިއަންމާ އިން އެދިއްޖެ
ބަޣާވާތާ ނުރުހި ފިލަން އިންޑިއާ އަށް ދިޔަ ފުލުހުން ހަވާލު ކުރަން މިއަންމާ އިން އެދިއްޖެ

ނޭޕީޓޯ (މާޗް 7) - އަސްކަރީ ބަޣާވާތާ ނުރުހިގެން ފިލަން އިންޑިއާ އަށް ދިޔަ ފުލުހުން އަނބުރާ ހަވާލު ކުރުމަށް މިއަންމާ އިން އެދިއްޖެ އެވެ.

މިއަންމާ ފުލުހުންގެ ގްރޫޕަކާއި އެ މީހުންގެ އާއިލާތައް ބޯޑަރު ހުރަސްކޮށް އެތެރެވެފައިވާ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ. މިއަންމާގެ ކަމާ ބެހޭ ފަރާތްތަކުން އިންޑިއާ ސަރުކާރަށް ފޮނުވި ސިޓީއެއްގައި ވަނީ "ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމުގެ ގޮތުން" އެ ފުލުހުން އަނބުރާ ހަވާލު ކުރުމަށް އެދިފަ އެވެ. މިއަންމާ އިން ބުނެފައި ވަނީ ފުލުހުންގެ އަށް އޮފިސަރަކު އިންޑިއާ އަށް އެތެރެވެފައިވާ ކަމަށެވެ. ނަމަވެސް ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައި ވަނީ މިއަންމާ ފުލުހުންގެ 30 އޮފިސަރަކާއި އެ މީހުންގެ އާއިލާތައް ވަނީ އިންޑިއާ އަށް އެތެރެވެފައި ކަމަށެވެ.

މިއަންމާ އަށް ގެނައި ބަޣާވާތާ ނުރުހިގެން އާއްމުންގެ އެތައް ހާސް ބަޔަކު ވެސް ހޮނިހިރު ދުވަހު ތިބީ އިންޑިއާ އަށް އެތެރެވުމަށް ގޮސް އެ ގައުމުގެ ބޯޑަރު ކައިރީގަ އެވެ.

މިދިޔަ މަހު 1 ވަނަ ދުވަހު މިއަންމާ އަށް ގެނައި ބަޣާވާތާ ދެކޮޅަށް އެ ގައުމުގައި ރައްޔިތުން ނުކުމެ ކޮންމެ ދުވަހަކު ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ސަލާމަތީ ފަރާތްތަކުން ދަނީ ވަރަށް ހަރުކަށިކޮށް އަމަލު ކުރަމުންނެވެ. ސިފައިން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މިހާތަނަށް ވަނީ މިއަންމާގެ އެކި ސިޓީތަކުން 55 މީހުން މަރުވެފަ އެވެ.

ފެބްރުއަރީ 1 ވަނަ ދުވަހު ގެނައި ބަޣާވާތަށް ފަހު މިއަންމާ ސިފައިން ވަނީ މަދަނީ ސަރުކާރުގެ އިސް އޮފިޝަލް ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އަން ސަން ސޫކީ ވެސް ހިމެނެ އެވެ. ބަޣާވާތަށް ފަހު މިހާތަނަށް ވަނީ 1،700 މީހުން ހައްޔަރުކޮށްފަ އެވެ. ސިފައިން ވަނީ މިއަންމާގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކާ އިއުލާންކޮށްފަ އެވެ.