11 ނޮވެމްބަރ 2016 - 23:44

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި ޖަޒީރާ ގައުމުތަކުގެ ހިމާޔަތަށް ކުރަންޖެހޭ ކަންކަމަށް ފައިސާ ހޯދަން އިސް ނަގާނެ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މި އަހަރު ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މޮރޮކޯއަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުންތަކުން ދުރުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބޮޑެތި ގައުމުތައް މެދުވެރިކޮށް އެންމެ އަވަހަށް ފައިސާ ލިބޭނެ ގޮތެއް ހޯދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް މި ފައިސާ ލިބޭނެ ކަމުގެ،" މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ބައެއް ފަރާތްތަކުން މީގެ ކުރިން ދިން އެހީން މިސާލު ނަންގަވަމުން މިނިސްޓަރު ވިދާޅުވި އެވެ.
މޮރޮކޯގައި ބާއްވާ ޖަލްސާއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މިދިޔަ އަހަރު ބޭއްވި ކޮޕް 21 ވަނަ ބައްދަލުވުުގައި އެކުލަވާލައިފައިވާ ޕެރިސް އެގްރީމެންޓް ރާއްޖޭން ތަސްދީގު ކުރި ފަހުން ރާއްޖޭން ޖަލްސާގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މި ޖަލްސާގައި ޕެރިސް އެގްރީމަންޓުގައި ހުރި ކަންކަން ހާސިލް ކުރާނެ ގޮތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ޗެއާކަން އިތުރު ދެ އަހަރަށް ރާއްޖެއަށް ދާދި ފަހުން ވަނީ ލިބިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގައި އެއޯސިސް މިނިސްޓްރީއަލް ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓަރުންގެ ބައްދަލުވުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އަދި ޖަޒީރާ ބައެއް ގައުމުތަކުން އެއްބަސްވުން ތަސްދީގުކޮށްފައި ނުވާތީ ތަސްދީގު ކުރަން ބާރު އަޅާނެ ކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ މޫސުމަށް ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ޖައްވަށް ދޫކުރާ ވިހަ ގޭހެވެ. ޕެރިސް އެއްބަސްވުމުގައި ގައުމުތަކުން އެއްބަސްވެފައި ވަނީ ދުނިޔޭގެ އެވްރެޖް ހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ވިޔަ ނުދިނުމަށް މަސައްކަތްކުރުމެވެ.