07 މާޗް 2021 - 08:00

ޓްވީޓެއް ކުރުމަށް ފަހު ވަކި ވަގުތެއްގެ ތެރޭގައި އެ ޓްވީޓަކަށް ބަދަލު ގެނެވޭ ފީޗާއެއް ޓްވިޓާއިން ޓެސްޓްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި ފީޗާ ޓްވިޓާގެ ވެބްސައިޓް ކޯޑިންގެ ތެރެއިން އެންމެ ފުރަތަމަ ދެނެގަތީ މަންޗުން ވޮންގް ކިޔާ އެޕް ރިސާޗަރެކެވެ. އޭގެ ފަހުން ޓްވިޓާގެ ތަރުޖަމާނަކު ވަނީ މިއީ ޓްވިޓާ އިން ތައާރަފްކުރަން އުޅޭ ސަބްސްކްރިޕްޝަން ނުވަތަ ފީ ދައްކައިގެން ބޭނުންކުރެވޭ ފީޗާތަކުގެ ތެރެއިން ބައެއް ކަމަށް ބުނެފަ އެވެ.
ޓްވީޓްކުރާތާ ވަކި ވަގުތެއްގެ ތެރޭގައި ޓްވީޓް "އަން ޑޫ" ކުރެވޭ ފީޗާ ޓެސްޓްކުރުމަށް ފަހު ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް ތަރުޖަމާނު ބުންޏެވެ.
މައިގަނޑު ގޮތެއްގައި އިޝްތިހާރުން އާމްދަނީ ހޯދާ ޓްވިޓާ މާލީ ގޮތުން ވަރުގަދަކުރުމުގެ މަސައްކަތުގެ ދަށުން، ފީ ދައްކައިގެން ބޭނުންކުރެވޭ ފީޗާތަކެއް ތައާރަފްކުރާނެކަން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. އެންމެ ފަހުން ހާމަކުރި ކަންކަމުގެ ތެރޭގައި، ފީ ދެއްކުމުން ނޫނީ ނުފެންނަ "ވޯލް" އެއް ތައާރަފްކުރުން ހިމެނެ އެވެ. އޭރުން މި ވޯލްގައި ހުންނަ ކޮންޓެންޓް ފެންނާނީ ފީ ދައްކާ މީހުންނަށް އެކަންޏެވެ.
ޓްވީޓްކުރާއިރު އޭގައި ހުންނަ ކުށްތައް އިސްލާހުކުރަން އެޑިޓް ބަޓަނެއް ނެތުމަކީ ޓްވިޓަ ބޭނުންކުރާ މީހުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ކުންފުނީގެ ސީއީއޯ ޖެކް ޑޯޒީ މީގެ ކުރިން ބުނެފައިވަނީ އެޑިޓް ބަޓަނެއް ތައާރަފްކުރުމަކީ ދުވަހަކު ވެސް ނުކުރާނެ ކަމަށް ވެސް ވެދާނެ ކަމަށެވެ.