07 މާޗް 2021 - 08:02

ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކުން އިސްތިސްނާތަކެއް ލިބޭ ގައިޑްލައިނެއް އެ ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ މީހުންނަށް ލިބޭ ގޮތަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ތައްޔާރުކުރަން ފަށައިފި އެވެ.
ކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ އެމެރިކާގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގިނަ މީހުން އެއްވެ އިވެންޓްތައް ބޭއްވުން ފަދަ ކަންކަން މަނާވެފައި އޮތަސް ވެކްސިނުގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނަށް މި އުސޫލު ނުހިނގާނެ ގޮތަކަށް އަންނަނީ ގައިޑްލައިން ހަދަމުންނެވެ.
އެމެރިކާގެ ކޮރޯނާވައިރަސް ޓާސްކްފޯސްގެ ވެރިޔާ އަދި ނެޝަނަލް ހެލްތު އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަންސް ޑިޒީޒްގެ ޑިރެކްޓަރު އެންތަނީ ފައުޗީ ވެސް މީގެ ކުރިން ވަނީ ވެކްސިން ޖެހި މީހުންނަށް ލުއިތަކެއް ދޭންޖެހޭ ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ. އޭނާ ވިދާޅުވީ ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ދެ މީހަކު ނުވަތަ ބަޔަކު އެއްތަނަކަށް އެއްވުމުން އެ މީހުންގެ ތެރެއިން ބަލި ފެތުރެން އޮންނާނީ ވަރަށް ހަނި ފުރުސަތެއް ކަމަށާއި އެެހެންވެ އެ މީހުންނަށް ލުޔެއް ދޭންޖެހޭ ކަމަށް ފެންނަން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަލިމަޑުކަމުގެ ތެރޭގައި، ދަތި ފިޔަވަޅުތަކުގެ ތެރޭގައި އުޅޭތާ އަހަރެއް ވެފައި ވާއިރު އެންމެން ވެސް މިހާރު ތިބީ އެކަކު އަނެކަކާ ބައްދަލުވެ ކުރިން އުުޅުނު ގޮތަށް އުޅެވޭނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށެވެ.
"ވެކްސިންގެ ދެ ދޯޒް ޖަހާފައިވާ މީހުންގެ ފަރާތުން ބަލި ފެތުރުން ނާދިރު. އެހެންވެ، ވެކްސިން ޖަހާފައިވާ މީހުން އެއްތަންވެ، މާސްކް ނާޅާއި ވެސް އެއްވުންތަކެއް ބޭއްވިދާނެ، ވައިޓް ހައުސްގެ ކޮވިޑް-19 ރެސްޕޮންސް ބްރީފިންގައި މިދިޔަ ހޯމަ ދުވަހު ފައުޗީ ވިދާޅުވި އެވެ.
އެމެރިކާގައި ވެސް އެތައް މިލިއަން ބަޔަކަށް މިހާރު ވަނީ ވެކްސިން ދީފަ އެވެ. އެކަމަކު ވައިރަސްގެ އާ ވެރިއެންޓްތައް އުޅޭތީ އަނެއްކާވެސް ބަލީގެ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރާ އެކު ތަޖުރިބާކާރުން ވަނީ ބަލިން ރައްކާތެރިވުމުގެ އާންމު ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް އިންޒާރު ދީފަ އެވެ.
އެމެރިކާގައި ވެކްސިން ދޭން ފެށުމާ އެކު، ބަލި ޖެހޭ މީހުންނާއި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދާން ފެށުމާ އެކު ބައެއް ސްޓޭޓްތަކުން މިހާރުވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީފަ އެވެ. ނަމަވެސް އެގޮތަށް ކަންތައް ކުރުން އަދި ރައްކާތެރި ނޫން ކަމުގެ އިންޒާރު ތަޖުރިބާކާރުން އަންނަނީ ދެމުންނެވެ.