07 މާޗް 2021 - 08:02

ޓްވިޓާގެ ކޯ ފައުންޑާ ޖެކް ޑޯޒީ އޭނާގެ ފުރަތަމަ ޓްވީޓް ނީލަމަށް ހުޅުވާލުމާ އެކު އޭގެ އަގު 2.5 މިލިއަން ޑޮލަރަށް އަރައިފި އެވެ.
ޑޯޒީ އޭނާގެ އެކައުންޓުން 2006 ވަނަ އަހަރުގެ މާޗް މަހު ކުރި ފުރަތަމަ ޓްވީޓްގައި އޮތީ "ޖަސްޓް ސެޓިން އަޕް މައި ޓްވިޓާ" އެވެ. ޓްވިޓާ އެކައުންޓް ސެޓްކޮށްލަނީ ކަމަށް ބުނެ ކުރި ޓްވީޓް ގަންނަ މީހަކަށް ލިބޭނީ އޮންލައިން މީޑިއާގައި ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން އޮތްކަން އަންގައިދޭ ޑިޖިޓަލް ސެޓްފިކެޓެއް ކަމަށްވާ އެންއެފްޓީއެކެވެ.
ޓްވީޓް ގަންނަ މީހަކަށް ޓްވީޓްގެ މިލްކުވެރިކަން ލިބުނު ކަމުގައި ވިޔަސް އެ ޓްވީޓް އޮންނާނީ އާންމުކޮށް ފެންނަ ގޮތަށް ހަމަ ޓްވިޓާގަ އެވެ.
ޓްވީޓް ގަންނަ މީހާ އަށް ޑޯޒީގެ ޑިޖިޓަލް ސައިންއާ އެކު، އޮރިޖިނަލް ޓްވީޓްގެ މެޓަޑޭޓާ ވެސް ލިބޭނެ އެވެ. އޭގައި ހިމެނޭނީ ޓްވީޓްކުރި ގަޑި އާއި އޭގެ ކޮންޓެންޓާއި އަދި އެ ނޫނަސް އެފަދަ އެހެން މައުލޫމާތެވެ. އެކަމަކު މީގައި ގިނައިން ހިމެނޭނީ މިހާރުވެސް އާންމުކޮށް ފެންނަން ހުރި މައުލޫމާތެވެ.
ޑޯޒީގެ ފުރަތަމަ ޓްވީޓް ނީލަމަށް ލީ މީގެ ތިން މަސް ކުރިން ފެށި "ޓްވީޓް މާކެޓް" އެއް ކަމަށްވާ "ވެލުއަބުލްސް ބައި ސެންޓް" އިންނެވެ.
އެތަނުން ބުނީ ޑިޖިޓަލް ކޮންޓެންޓެއްގެ މިލްކުވެރިކަން ލިބުމުން އެކަމުން މާލީ މަންފާ ހޯދޭނެ ކަމަށެވެ. މިއީ ރަމްޒީ އެއްޗެއް ކަމަށާއި މަޝްހޫރު މީސްމީހުންގެ އަތުން ހޯދާ އޮޓޮގްރާފް ވެސް ބޮޑު އަގުގައި ވިއްކާލާ ގޮތަށް ފަހުން މިވެސް ވިއްކާލެވިދާނެ ކަމަށް ބުނެފައިވެ އެވެ.