06 މާޗް 2021 - 21:54

ހއ. ބާރަށުން އިތުރު ތިން މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެ، އެ ރަށުން އެ ބަލި ޖެހުނު މީހުންގެ އަދަދު 25 އަށް އަރައިފި އެވެ.
ހެލްތު ސެންޓަރުގެ އޮފިޝަލަކު މިރޭ ވިދާޅުވީ، އެންމެ ފަހުން ޓެސްޓުކުރި މީހުންގެ ތެރެއިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އަންގާފައިވާ ކަމަށެވެ. އެއީ ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ބައެކެވެ.
އުމުރުން 40 އަހަރުން ދަށުގެ އެ ތިން މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ބާރަށު ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ހޯމަ ދުވަހު އެވެ. އޭގެ ފަހުން، އެ ގޭގައި ތިބި އިތުރު ހަތަރު މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ. އެ މީހުންނާ ޑައިރެކްޓް ކޮންޓެކްޓުވި ނުވަ މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، މިހާތަނަށް 374 ސާމްޕަލް ކޮވިޑަށް ޓެސްޓުކޮށްފައި ވެ އެވެ. އޭގެ ތެރެއިން ނަތީޖާ ނުލިބި ވަނީ ތިން ސާމްޕަލެެއްގެ އެވެ.
ރާއްޖޭގައި ކޮވިޑު ބަލީގެ ހާލަތު އެންމެ ބޮޑަށް ނުރައްކާވެފައިވާ މާލެ އިން ރަށްރަށަށް ދާ މީހުން 10 ދުވަހުގެ ހޯމް ކަރަންޓީނު ފުރިހަމަކުރަން ޖެހެ އެވެ. ނަމަވެސް ކަރަންޓީނުގައި ތިބޭ މީހުންނާ ރަށުގެ އެހެން މީހުން ދިމާވެ، ކަރަންޓީނު އުސޫލުތަކާ ހިލާފު ވެގެން ނުވަތަ ނޭނގުމުގެ ތެރެއިން ދިމާވި ބައެއް ކަންކަމުން މީގެ ކުރިން އެހެން ރަށްރަށުގައި ވެސް އެ ބަލި ފެތުރިފައިވެ އެވެ.