މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ޖޫރިމަނާކޮށް ދޫކޮށްލައިފި
މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ޖޫރިމަނާކޮށް ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިއްޔެ ކުރި މުޒާހަރާއިން ހައްޔަރުކުރި އެންމެން، އެޗުޕީއޭގެ އުސޫލުތަކާ ހިލާފުވުމުން ޖޫރިމަނާކޮށް، ރޭ ދޫކޮށްލައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރާށާއި އެ މަނިކުފާނުގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ލިސްޓްގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އެކަމާ ދެކޮޅަށް ވެސް އަޑުއުފުލަން ކޮންމެ ހުކުރުދުވަހަކު ބާއްވަމުން އަންނަ މުޒާހަރާގައި އިއްޔެ 38 މީހަކު ހައްޔަރުކުރި އެވެ. އެ އެންމެން ވެސް ޖޫރިމަނާކޮށް ދޫކޮށްލި އިރު، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ވަގުތު ކޮވިޑް-19 ޓެސްޓް ހަދަން ސާމްޕަލް ދޭން އެ އެންމެން ދެކޮޅުހެދި އެވެ.

ކޮވިޑް ހުއްޓުވަން އެޗްޕީއޭއިން އިއުލާންކޮށްފައިވާ އުސޫލުތަކާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ ކުރަނީ 1،000ރ. އިންނެވެ.

މާލޭގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރޭތީ އެއްފަހަރާ ފަސް މީހުނަށް ވުރެ ގިނައިން އެއްވެނޫޅެން އެޗްޕީއޭއިން ވަނީ އަންގައިފަ އެވެ.

އިއްޔެ މުޒާހަރާ ފެށިއިރު ވެސް ޕީޕީއެމް އޮފީސް ސަރަހައްދު ފުލުހުން އޮތީ ބަންދުކޮށްފަ އެވެ. އެކަމަކު އިދިކޮޅު ސަޕޯޓަރުން މާލޭގެ އެކި ދިމަދިމާލުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލި އެވެ.

ފުލުހުން ބުނީ މުޒާހަރާގައި ގިނަ އަދަދެއްގެ ފުލުހުންނާ ކޮންޓެކްޓް ވެސް ވެފައިވާތީ ސާމްޕަލް ދޭން އެދުނީ އެންމެންގެ ރައްކާތެރިކަމަށް ކަމަށެވެ. ނަމަވެސް ކޮވިޑް ޓެސްޓު ހަދަން އެ އެންމެން ވެސް ދެކޮޅުހެދި ކަމަށް ފުލުހުން ބުންޏެވެ.