ފެނާންޑޭސް އެވޯޑް ހޯދައިފިނަމަ އިތުރު ފީއެއް ދޭން ޖެހޭ
ފެނާންޑޭސް އެވޯޑް ހޯދައިފިނަމަ އިތުރު ފީއެއް ދޭން ޖެހޭ

މެންޗެސްޓާ (މާޗް 6) - މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގީސް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެ ކްލަބްގައި ހުރެ ބޮޑު އެވޯޑެއް ހޯދައިފިނަމަ އޭނާ ކުރިން ކުޅުނު ސްޕޯޓިން ލިޒްބަން އަށް ޔުނައިޓެޑުން އިތުރު ފީ އެއް ދޭން ޖެހޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޔުނައިޓެޑުން އުމުރުން 26 އަހަރުގެ ފެނާންޑޭސްގެ ސޮއި ހޯދީ 46.6 މިލިއަން ޕައުންޑް (64.4 މިލިއަން ޑޮލަރު) ދައްކައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގައި ފެނާންޑޭސް ދައްކާ ކުޅުމަކަށް ބެލުމަށް ފަހު ސްޕޯޓިން އަށް އިތުރު 21.2 މިލިއަން ޕައުންޑް (30 މިލިއަން ޑޮލަރު) ދޭން ޔުނައިޓެޑުން ވަނީ އެއްބަސްވެފަ އެވެ.

އިތުރަށް ދައްކަން ޖެހޭ ފައިސާގެ ތެރޭގައި ޔުނައިޓެޑުން ހިމަނާފައިވާ އެއް މާއްދާ އަކީ ޔުނައިޓެޑްގައި ހުރެ ފެނާންޑޭސް ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ނޫނީ ބެލޮންޑިއޯ އެވޯޑްގެ ގަދަ ތިނެއްގައި ހިމެނިއްޖެނަމަ އިތުރު 4.2 މިލިއަން ޕައުންޑް (5.8 މިލިއަން ޑޮލަރު) ސްޕޯޓިން އަށް ދައްކަން ޖެހޭ ގޮތަށެވެ.

ރިޕޯޓްތައް ބުނާގޮތުން ދެން ޔުނައިޓެޑުން ސްޕޯޓިން އަށް އިތުރު ފީ ދައްކަން ޖެހޭ ގޮތަށް އެއްބަސްވުމުގައި ހިމަނާފައިވަނީ ފެނާންޑޭސް އެ ކްލަބަށް ކުޅެމުން ދަނިކޮށް އެ ޓީމުން ހޯދާ ކާމިޔާބީތަކަށް ފަހު އެވެ. އެ ގޮތުން އެންމެ ބޮޑު ފީއެއް ދައްކަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ހިމަނާފައިވަނީ ފެނާންޑޭސް ހުއްޓައި ޔުނައިޓެޑުން ޕްރިމިއާ ލީގު ނޫނީ ޔޫރަޕްގެ މުބާރާތެއް ކާމިޔާބުކޮށްފިނަމަ އެވެ.

މި ސީޒަނުގައި ފެނާންޑޭސް ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އޭނާ އަށް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުގެ ފުރުސަތު އެބައޮތެވެ. ފެނާންޑޭސް ވަނީ މި ފަހަރު ލީގުގައި މިހާތަނަށް 15 ގޯލު ޖަހައި 11 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޔުނައިޓެޑް މި ވަގުތު ލީގުގެ ދެ ވަނަ މަގާމުގައި އޮތްއިރު އޭގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާނެ އެއް ކުޅުންތެރިއަކީ ފެނާންޑޭސް ކަމަށް އެ ކްލަބްގެ ކުރީގެ ލެޖެންޑުން ވަނީ ބުނެފަ އެވެ.