ގަދަ ހަތަރެއްގެ ރޭސް އުނދަގޫވާނެ: ކްލޮޕް
ގަދަ ހަތަރެއްގެ ރޭސް އުނދަގޫވާނެ: ކްލޮޕް

ލިވަޕޫލް (މާޗް 6) - މިހާރު ހާލަތު އޮތްގޮތުން މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ހޯދުމަކީ ވެސް ލިވަޕޫލަށް އުނދަގޫ ޗެލެންޖަކަށްވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޗެލްސީ އަތުން ބަލިވުމުން ލިވަޕޫލް ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް 27 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޗެލްސީ އަށް ވަނީ 27 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ. މި ވަގުތަށް ބަލާއިރު ގަދަ ހަތަރެއްގެ ރޭހުގައި ވާދަކުރާ ހަ ޓީމު އެބައޮތެވެ.

ލީގުގައި ލިވަޕޫލަށް ބާކީ އޮތީ 11 މެޗެވެ. ކްލޮޕް ބުނީ މިއީ ވަރަށް ސީރިއަސްކޮށް ތައްޔާރުވާން ޖެހޭ މެޗުތަކެއް ކަމަށާއި މީގެއިން މެޗެއްގައި ފަރުވާކުޑަކޮށްލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

"ޔަގީނުން ވެސް އަހަރެމެން ޗެލްސީ އަތުން ބަލިވި ހިސާބުން ގަދަ ހަތަރަކަށް ވަންނަން އިތުރު އުނދަގޫތަކެއް މި ކުރިމަތިވީ. މި ވަގުތު ޓޭބަލަށް ބަލާލިޔަސް މި ރޭސް ވެސް މި އޮތީ ވަރަށް އުނދަގޫކޮށް. ލިވަޕޫލަށް ވެސް އުނދަގޫވާނެ. އެކަމަކު އަހަރެމެން މި ތިބީ އެންމެ ފަހު މެޗާ ޖެހެންދެން މި މަސައްކަތުގައި،" ކްލޮޕް ބުންޏެވެ.

ލިވަޕޫލުން މި ފަހަރުގެ ގަދަ ހަތަރެއް ނުލިބިއްޖެނަމަ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްގެން ނޫނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ނުކުޅެވޭނެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެއްޖެނަމަ ލިވަޕޫލުން ޓްރާންސްފާ މާކެޓްގައި ގެންނަން ބޭނުންވާ ކުޅުންތެރިން ހޯދުމުގައި ދަތިތަކެއް ދިމާވާނެ އެވެ.

ކްލޮޕް ބުނީ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ހޯދަން ބޭނުންވާ ކުޅުންތެރިން އަންނަނީ ހަމައެކަނި ޗެމްޕިއަންސް ލީގަށް ބަލައިގެން ކަމަށްވާނަމަ އެ ކުޅުންތެރިއަކު ބޭނުމެއް ނޫން ކަމަށެވެ.

"މިސާލަކަށް އަހަރެމެން ޗެމްޕިއަންސް ލީގުގައި ނުކުޅޭތީ އަހަރެމެން ހޯދަން މަސައްކަތްކުރާ ކުޅުންތެރިއަކު މި ޓީމަށް އަންނަން ބޭނުމެއް ނުވީ. އެހެންވެއްޖެނަމަ އަހަރެން ވެސް އެ ކުޅުންތެރިއަކު ބޭނުމެއް ނޫން. ސަބަަބަކީ މި ޓީމަށް އަހަރެން ބޭނުންވަނީ ކުރިމަތީގައި އޮތް ޗެލެންޖާ ކުރިމަތިލާން ކެރޭ ކުޅުންތެރިން،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ އަންނަ ޗެމްޕިއަންސް ލީގަށް ލިވަޕޫލް ކޮލިފައިނުވި ނަމަވެސް އެ ޓީމުގައި ތިބި މުހިއްމު ކުޅުންތެރިން ކްލަބް ދޫކޮށްނުދާނެ ކަމަށެވެ.

ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ބަދަލުކުރުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. ކްލޮޕް ބުނީ ސަލާހުގެ ބަދަލުކުރީ ހާލަތުގެ ގޮތުން ކަމަށާއި އެއީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.