06 މާޗް 2021 - 10:51

ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހިފައިވިނަމަވެސް އެފްއޭއެމްގެ މި ސީޒަނުގެ ބޮޑު ޓާގެޓަކީ ސީޒަންގެ ހުރިހާ މުބާރާތެއް ބޭއްވުން ކަމަށް އެފްްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ސަބަބުން މިދިޔަ ސީޒަން އަވަހަށް ނިންމާލީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު އެވެ. އެފްއޭ ކަޕް ކެންސަލްކުރީ މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ކުޅެ ނިމި ސެމީ ފައިނަލަށް ޓީމުތަކުން ތައްޔާރުވަމުން ދަނިކޮށެވެ. އެފްއޭއެމުން މި ސީޒަން ފެއްޓިއިރު އެކުލަވާލި ކަލަންޑަރުގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ހިމެނީ މުބާރާތް ކުރިއަށް ގެންދިއުމުގެ ޔަގީންކަމާ އެކީގަ އެވެ. އެކަމަކު ސީޒަން ރަސްމީކޮށް ފެށިތާ ދެ މަސް ތެރޭގައި އަލުން މެދުކަނޑާލަން ޖެހުމުން އަނެއްކާ މި ސީޒަން ވެސް އެއްކޮށް ފުރިހަމަނުކުރެވިދާނެ ކަމުގެ ބިރު ކްލަބްތަކާއި ކުޅުންތެރިންގެ މެދުގައި އެބައޮތެވެ.
އެފްއޭއެމް އިން ސިލްސިލާކޮށް ބާއްވަމުން އަންނަ "ލެޓްސް ޓޯކް ފުޓްބޯލް"ގެ މި ހަފްތާގެ ޝޯގައި ޖަވާ ވިދާޅުވީ ކޮންމެ އަހަރަކު ވެސް ލީގު މި ބްރޭކް އައުމާއި ލީގު ކެންސަލްވުން މި ވެގެންދަނީ ކްލަބްތަކަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މި އަހަރުގެ ހަމަ ޓާގެޓަކީ މި އަހަރު ކަނޑައަޅާފައި މި ހުރި މުބާރާތްތައް އަޅުގަނޑުމެން ކަނޑައަޅާފައި މި އޮތް މުއްދަތުގެ ތެރޭގައި ނިންމުން. އެހެން ނަމަވެސް ވަރަށް ބޮޑު ޗެލެންޖަކަށް ވެގެންދާނެ ތަންކޮޅެއް ކައިރިކައިރީގައި މެޗުތައް ކުޅުން އޭގެ އިތުރުން އިންޓަނޭޝަނަލް މުބާރާތްތަކުގައި އަޅުގަނޑުމެންނަށް ކުރިއަށްދާ ވަރަކުން ސީޒަނަށް ވަރަށް ބޮޑެތި ބަދަލު ގެންނަން ޖެހޭނެ. އުއްމީދަކީ ޕްރެޒިޑެންޓްސް ކަޕް ވެސް އެފްއޭ ކަޕް ވެސް މި އަހަރު ސީޒަންގައި ހިމެނިގެންދިއުން،" ޖަވާ ވިދާޅުވި އެވެ.
އެކި ސަބަބުތަކާ ހުރެ ފާއިތުވި ދެ ސީޒަނުގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބޭއްވުނެވެ. އެންމެ ފަހުން އެ ދެ މުބާރާތާ އެކު ފުޓްބޯޅަ ސީޒަން އެއްކޮށް ފުރިހަމަކުރެވުނީ 2017 ވަަނަ އަހަރު އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލާފައި އޮތުމާއި ރާއްޖޭގެ ހާލަތު އޮތްގޮތުން ބެލުމަށް ފަހު އޭއެފްސީން ވަނީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މި މަހު ރާއްޖެ ކުޅެން އޮތް މެޗުތައް ޖޫން މަހަށް ފަސްކޮށްފަ އެވެ. އެކަމަކު އޭއެފްސީން ސެންޓްރަލައިޒްކޮށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ބާއްވަން ބިޑްކުރަން ހުޅުވާލި ފުރުސަތުގައި އެފްއޭއެމުން މި ވަނީ ދެކުނު އޭޝިއާގެ ޓީމުތަކަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކޮށްފަ އެވެ.
ޖަވާ ވިދާޅުވީ ހާއްސަ ގައިޑްލައިނެއްގެ ދަށުން މި ވަގުތު ލިބިފައި މި އޮތް ޕްރެކްޓިސް ކުރުމުގެ ހުއްދައާ އެއްގޮތަށް ކްލަބްތަކުން ކުރިއަށް ގޮސް އުއްމީދަކީ މި މަހު ފަހުކޮޅުގައި ލީގު ފެށުން ކަމަށެވެ. އެއީ އޭއެފްސީ ކަޕްގެ ކުރިން ރާއްޖޭގެ ޓީމުތަކަށް މެޗުތަކެއް ކުޅެލަން ލިބުމަކީ މީގެ ވަރަށް މުހިއްމުކަމެއް ކަމަށް ޖަވާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު ޓާގެޓެއް ކްލަބްތަކުގެ ކާމިޔާބީ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އޭއެފްސީ ކަޕްގެ ސެމީ ފައިނަލްގައި ވެސް ކުޅެފައި މިވަނީ. އަޅުގަނޑުމެންގެ މިހާރުގެ އޭއެފްސީ ކަޕްގެ ޖާގަ ލިބިފައިވާ މާޒިޔާ އާއި އީގަލްސް ވެސް މި ވަނީ ވަރަށް ރަނގަޅަށް މުބާާރާތަށް ތައްޔާރުވާން ފަށާފައި. އުއްމީދަކީ މި ދެ ކްލަބު ވެސް ރާއްޖެ އަށް ރީތި ނަމެއް ހޯދައިދިނުން،"
"(އޭއެފްސީ ކަޕްގެ ކުރިން) ކްލަބްތައް މި ފުޓްބޯޅަ ލީގުގައި މެޗުތަކެއް ކުޅުމަކީ މުހިއްމު ކަމެއް،"
މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ ބާކީ މެޗުތައް ހޯސްޓްކުރަން ހުޅުވާލި ފުރުސަތުގައި ވެސް ރާއްޖޭން ވަނީ ބިޑް ކާމިޔާބުކޮށްފަ އެވެ. ފަހުން އޭއެފްސީން ނިންމީ އެ މުބާރާތް އެއްކޮށް ކެންސަލްކުރާށެވެ. މި ފަަހަރުގެ އޭއެފްސީ ކަޕްގެ މި ސަރަހައްދުގެ ގްރޫޕް މެޗުތައް ހޯސްޓްކުރަން ހުޅުވާލި ފުރުސަތުގައި އެންމެ ފުރަތަމަ ބިޑް ކުރީ އިންޑިއާ އިންނެވެ. ރާއްޖޭން ފަހުން ބިޑް ކުރި ނަމަވެސް މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ހޯދީ އެވެ.
"އަޅުގަނޑުމެންނަށް ވާދަކުރެވޭ ރަނގަޅު ފައިޓެއް ކުރެވޭނެ ޓީމުތަކެއް މި ގްރޫޕްގައި ހިމެނުމުން އަޅުގަނޑުމެން މި ވަނީ ސްޕޯޓްސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އޭއެފްސީ އަށް (ބިޑް) ހުށަހަޅާ ކާމިޔާބުކޮށްފައި. މިއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކާމިޔާބެއް. އިންޑިއާގެ ޓީމެއް ހިމެނޭ ގްރޫޕެއްގައި ރާއްޖޭގައި ކުޅެލަން ލިބުން މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަދި އެޑްވާންޓޭޖެއް،" ޖަވާ ވިދާޅުވި އެވެ.
ޖަވާ ވިދާޅުވީ ފުޓްބޯޅަ މެދުކަނޑާލަން ޖެހުމުން އަލުން ފަށަން ކުރި މަސައްކަތާއި އޭއެފްސީ ކަޕްގެ ބިޑް ކުރުމުގެ ކަންކަމުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ސްޕޯޓްސް މިނިސްޓްރީން ދިން އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
ރާއްޖޭގައި މެޗުތައް ކުޅޭ ގްރޫޕް ޑީގައި މި ވަގުތު އޮތީ މާޒިޔާގެ އިތުރުން އިންޑިއާގެ އޭޓީކޭ މޯހަން ބަގަން އަދި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. ބާކީ އޮތް ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ. ކޮލިފައިން ބުރުގައި ރާއްޖޭގެ އީގަލްސް ކުޅެ އެވެ. އީގަލްސްގެ ފުރަތަމަ ކޮލިފައިން މެޗު އޮތީ އަންނަ މަހު ހަތް ވަނަ ދުވަހު މާލޭގަ އެވެ. ބައްދަލުކުރާނީ ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީއާ އެވެ.
ކޮލިފައިން ބުރު އޮންނާނީ އަންނަ މަހު ހަތް ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މާލޭގައި ކުޅޭ ގްރޫޕް ސްޓޭޖުގެ މެޗުތައް ތާވަލުކޮށްފައިވަނީ މެއި މަހު 14 އިން 20 ވަނަ ދުވަހަށެވެ.