ކޮވިޑަށް ޕޮޒިޓިވް ކަމަށް ފަސިންޖަރު ބުނީ ބޯޓު ނައްޓާލަން އުޅެނިކޮށް
ކޮވިޑަށް ޕޮޒިޓިވް ކަމަށް ފަސިންޖަރު ބުނީ ބޯޓު ނައްޓާލަން އުޅެނިކޮށް

ނިއު ދިއްލީ (މާޗް 6) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އެއާޕޯޓުން ފުރަން ހަމަޖެހިފައިވާ އިންޑިގޯގެ މަތިންދާ ބޯޓެއްގައި އިން ފަސިންޖަރަކު ކޮވިޑަށް ޕޮޒިޓިވް ކަމަށް ބުނީ ބޯޓު ނައްޓާލަން ޕައިލެޓް ތައްޔާރުވެފައިވަނިކޮށް ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޕޫނޭ އަށް މިދިޔަ ބުރާސްފަތި ދުވަހު ފުރަން ހަމަޖެހިފައިވާ އިންޑިގޯގެ ބޯޓުގައި އިން ފިރިހެން ފަސިންޖަރަކު ކެބިން ކްރޫއަކަށް ގޮވުމަށް ފަހު އޭނާ ކޮވިޑަށް ޕޮޒިޓިވް ކަމަށް ބުންޏެވެ. އެކަން ސާބިތުކޮށް ދޭން އޭނާ ފަހުން ވަނީ ކޮވިޑް ޕޮޒިޓިވް ލިޔުން ވެސް ދައްކައިފަ އެވެ.

އެއާބަސް އޭ320 ގެ ޕައިލެޓަށް އެކަން އެންގުމާ އެކު ޕައިލެޓް ވަނީ ބޯޓު ފުރުމުގެ ބަދަލުގައި، ގްރައުންޑް ކޮންޓްރޯލަރަށް އެންގުމަށް ފަހު ބޯޓު އަނބުރާ ޕާކިން އަށް ގެންގޮސްފަ އެވެ.

އެ ބޯޓު ދެ ގަޑިއިރު ފަހުން، އަލުން ފުރީ ޕޮޒިޓިވް ފަސިންޖަރު ބޯޓުން ބޭލުމަށް ފަހު ބޯޓު ޑިސްއިންފެކްޓްކޮށްފަ އެވެ. ބޯޓުން ދަތުރުކުރި އެހެން ފަސިންޖަރުންނަށް ވަނީ ޕީޕީއީ ދީފަ އެވެ. އަދި މުޅި ދަތުރުގައި ޕީޕީއީގައި ތިބުމަށް ވަނީ އަންގައިފަ އެވެ.

ޕޮޒިޓިވް ފަސިންޖަރު ގެންދިޔައީ ދިއްލީގެ ސަފްދަރްޖަންގް ހޮސްޕިޓަލްގެ ކޮވިޑް ފެސިލިޓީއަށެވެ.