05 މާޗް 2021 - 23:58

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަން އެދުމުން އެ ހުރިހާ އެންމެން ވެސް އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 39 މީހުން ތިބީ އަތޮޅުވެހީގަ އެވެ. އެ މީހުންގެ ގާނޫނީ ޓީމުން ބުނީ އެ މީހުންގެ ސާމްޕަލް ނެގުމަށް ޓަކައި އެޗްޕީއޭގެ އާރްއާރް ޓީމެއް އަތޮޅުވެއްސަށް މިރޭ ދިޔަ ކަމަށެވެ.
ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށް ބާއްވާފައިވާ އެއްވުމެއްގައި ބައިވެރިވެފައިވާ ބަޔަކަށްވުމުގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުންނާ ކޮންޓެކްޓްވެފައިވުމާ އަދި ކަސްޓޯޑިއަލް އަކީ ގިނަ އަދަދެއްގެ ބަޔަކު ބަލަހައްޓާ ތަނަކަށްވުމާ އެކު އެންމެންގެ ރައްކާތެރިކަމަށްޓަކައި ސާމްޕަލް ދޭން އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އެންމެން ވެސް އިންކާރު ކުރުމުން ސާމްޕަލް ނަގާފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ.
ރަތް ހެދުމުގައި ގައުމީ ދިދަ ހިފައިގެން "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ފެށި މުޒާހަރާ ހުއްޓުވަން ފުލުހުން ވަނީ މުޒާހަރާ ފެށުމުގެ ކުރިން، އާޓިފިޝަލް ބީޗް ކައިރީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ސަރަހައްދުގައި ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ. ޕީޕީއެމް އޮފީހަށް ދެވެން ހުރި މަގުތައް ބަންދުކޮށް ފުލުހުން ވަނީ ސަރަހައްދު ބަލަހައްޓައިފަ އެވެ.