ޓޫރިޒަމް ދާއިރާގެ 8،800 މުވައްޒަފުންނަށް ވެކްސިން ދީފި
ޓޫރިޒަމް ދާއިރާގެ 8،800 މުވައްޒަފުންނަށް ވެކްސިން ދީފި

ޓޫރިޒަމް ދާއިރާގައި ކުރީ ސަފުގައި މަސައްކަތް ކުރާ 8،800 މުވައްޒަފުންނަށް މިހާތަނަށް ކޮވިޑް-19 ވެކްސިން ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިހާތަނަށް ވެކްސިން ދިނީ މުޅި އިންޑަސްޓްރީގެ ފްރޮންޓްލައިން މުވައްޒަފުންގެ ތެރެއިން 30 ޕަސެންޓަށް ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަކީ މިހާތަނަށް ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަ ކަމާއެކު ވެކްސިން ޖެހުމުގެ ފުރުސަތު ދޭ ފުރަތަމަ ގައުމުކަމަށް ވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ރިސޯޓުތަކުގައި ވެކްސިން ދޭން ފަށައިފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އެގޮތުން، އެންމެ ފުރަތަމަ ވެކްސިން ދޭ ސެންޓަރެއް ހުޅުވީ ބަނޑޮހުގަ އެވެ.

ސަރުކާރުން ވަނީ ރާއްޖެއަށް އެންމެ ފުރަތަމަ ގެނައި ވެކްސިންގެ 10،000 ޑޯޒު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށްފަ އެވެ. މީގެ ތެރޭގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން ގެސްޓް ހައުސްތަކާއި ލިވަބޯޑުތަކާއި އެއާޕޯޓުގައި މަސައްކަތް ކުރާ ރެޕުން ވެސް ހިމެނެ އެވެ.

މިހާތަނަށް ރާއްޖޭގެ 137،124 މީހަކަށް ވަނީ ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފަ އެވެ. މީގެ ތެރޭގައި މާލެ ސަރަަހައްދުގައި ދިރިއުޅޭ 84،891 މީހުންނާއި އަތޮޅު ތެރޭގެ 52،233 މީހުން ހިމެނެ އެވެ.

އެޗްޕީއޭ އިން މިހާރު ވަނީ 20 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.