06 މާޗް 2021 - 08:23

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު "ރޫހީ" ގައި ހިމެނޭ ލަވަތަކުގެ ތެރެއިން ބަތަލާ ޖާންވީ ކަޕޫރްގެ ވަރަށް ފޯރިގަދަ ނެށުންތަކެއް ހިމެނޭ ލަވައެއް އާންމުކޮށްފި އެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީ މިހާތަނަށް ކުޅުނު ފިލްމުތަކުން ބޮޑަށް ފެނިފައި ވަނީ ވަރަށް ޑިގްލެމަރަސް ރޯލްތަކުން ކަމަށް ވިޔަސް އޭނާ ޑަބަލް ރޯލަކުން ފެންނަ ހޮރޯ-ކޮމެޑީ "ރޫހީ" ގެ ބައެއް ލަވަތަކުން ވަރަށް ގްލެމަރަސްކޮށް ފެންނާނެ އެވެ.
އެ ފިލްމުގެ ލަވަތަކުގެ ތެރެއިން ޖާންވީ ނެށުމުގެ ހުނަރުތައް ވަރަށް ބޮޑަށް ފެންނަ މި ލަވަ އަކީ "ނަދިޔޯ ޕާރް" އެވެ. މިއީ ކުރީގެ ލަވައެއްގެ ރިމިކްސްއެކެވެ. އާ ލަވައިގެ މިއުޒިކާ ކުޅެފައި ވަނީ ސަޗިން-ޖިގަރް އެވެ. ލަވަ ކިޔާފައި ވަނީ އޮރޮޖިނަލް ލަވައިގައި ވެސް ހިއްސާވި ޝަމޫރްގެ އިތުރުން ރަޝްމީތު ކޯރް، އައިޕީ ސިންގް އަދި ސަޖިން-ޖިގަރެވެ.
"ނަދިޔޯ ޕާރް" އަކީ މިހާތަނަށް ފިލްމަކުން ޖާންވީ އެންމެ ގްލެމަރަސްކޮށް ފެންނާނެ ލަވަ އެވެ. ދެހާސް އަށާރައިގައި "ދަޅަކް" އިން ބޮލީވުޑަށް ނުކުތް ބަތަލާ ފަހުން ފެނިގެން ދިޔަ ފިލްމުތަކަކީ މިދިޔަ އަހަރުގެ އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީ" އާއި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އެވެ.
ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، ހާޑިކް މެހެތާ ޑައިރެކްޓްކޮށްފައިވާ "ރޫހީ" ގައި ޖާންވީއާ އެކު ބަތަލުންގެ ރޯލުން ފެންނާނީ ރާޖްކުމާރު ރާއޯ އާއި ވަރުން ޝަރުމާ އެވެ.
"ނަދިޔޯ ޕާރް" ގެ ކުރިން ވެސް ފިލްމުގެ ދެ ލަވައެއް އާންމުކޮށްފައިވެ އެވެ.