އިދިކޮޅު މުޒާހަރާ ހުއްޓުވަން މަގުތައް ބަންދުކޮށްފައި
އިދިކޮޅު މުޒާހަރާ ހުއްޓުވަން މަގުތައް ބަންދުކޮށްފައި

ކޮންމެ ހުކުރު ދުވަހަކު ޕީޕީއެމް/ޕީއެންސީ އިން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތައް ހުއްޓުވަން މިއަދު މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ގޮސް ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު އެއްކޮށް ބަންދުކޮށްފި އެވެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ފުލުހުން މަގު ބަންދުކޮށްފި އެވެ.

އިދިކޮޅު މުޒާހަރާ ހުއްޓުވަން މަގުތައް ބަންދުކޮށްފައި
އިދިކޮޅު މުޒާހަރާ ހުއްޓުވަން މަގުތައް ބަންދުކޮށްފައި

މާލޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރޭތީ އަދި ބަލި ކޮންޓްރޯލް ނުވާތީ އެޗްޕީއޭ އިން އިއްޔެ އަލުން އެޅި ފިޔަވަޅުތަކުގައި ވަނީ އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން އާންމު ތަންތަނަށް ނުކުމެ އުޅުން ވެސް މަނާކޮށްފަ އެވެ.

ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތާ ހިލާފުވެ މުޒާހަރާކުރަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ކުރިން ވެސް ވަނީ ބުނެފަ އެވެ.

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަދި ހިޔާ މަޝްރޫއުގެ ފްލެޓްތައް ޕީޕީއެމުން ބެހި ގޮތް ބާތިލްކޮށް މި ސަރުކާރުން ދިން ގޮތް ބޭއިންސާފު ކަމަށް ބުނެ އެންމެ ފަހުން ބޭއްވި އެއްވުން ވެސް ހުއްޓުވައި އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެ އެންމެން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ރަތް ހެދުމުގައި ގައުމީ ދިދަ ހިފައިގެން ފެށި މުޒާހަރާ ހުއްޓުވަން ފުލުހުން ވަނީ މުޒާހަރާ ފެށުމުގެ ކުރިން، އާޓިފިޝަލް ބީޗް ކައިރީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ސަރަހައްދުގައި ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ. ޕީޕީއެމް އޮފީހަށް ދެވެން ހުރި މަގުތައް ބަންދުކޮށް ފުލުހުން ގެންދަނީ އެ ސަރަހައްދު ބަލަހައްޓަމުންނެވެ.

ފުލުހުން ބުނީ އެ ސަރަހައްދު ބަންދުކުރީ އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް އަދި ސުލްހަވެރިކޮށް އެއްވެެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުން ބާއްވަން ޕީޕީއެމް/ޕީއެންސީ އިން ރާވާފައި ވާތީ ކަމަށެވެ.

ޕީޕީއެމް އޮފީސް ކައިރިއަށް އެއްވާން ފުލުހުން ހުރަސްއެޅުމުން މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ކަންމައްޗަށް ވެސް ބަޔަކު އެއްވި އެވެ. އެތަނުން ވެސް ފުލުހުން ވަނީ އެއްވުން ރޫޅާލައި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި މިހާތަނަށް މުޒާހަރާގެ ތެރެއިން 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

"... އެއްވުން ބޭއްވިޔަ ނުދިނުމުގެ ބޭނުމުގައި އެ ސަރަހައްދު ވާނީ ބަންދުކޮށްފައި،" ފުލުހުން ބުންޏެވެ.

ސުލްހަވެރިކޮށް އެއްވެެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައިވާ ގޮތުން، އިތުރު ހުއްދައެއް ނުހޯދާ ސިޔާސީ ހަރަކާތްތައް ބޭއްވޭނީ ކާނިވާ ސަރަހައްދުގަ އެވެ. ޕީޕީއެމްގެ ވެރިކަމުގައި ގާނޫނަށް ގެނައި މި ބަދަލު މި ސަރުކާރުން އުވާލާނެ ކަމަށް ބުނި ނަމަވެސް އަދިވެސް އޮތީ އެ ގޮތަށެވެ. ނަމަވެސް މިހާރު މުޒާހަރާކުރުން މަނާކުރާ އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވުމެވެ.

މިދިޔަ ހަފްތާގައި ކުރި މުޒާހަރާގެ ތެރެއިން 30 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޖޫރިމަނާކުރި އެވެ. އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.