05 މާޗް 2021 - 15:55

ވާރޭ ނުވެހި ގިނަ ދުވަސް ވުމުން ހިރަފުސް ބޯވެ ރ. އަލިފުށީގައި އަރިދަފުސް ރޯގާ ފެތުރި އެތައް ކުދިންނެއް ބަލިވެ އުޅޭތީ ވަރަށް ގިނަ ދަރިވަރުން ސްކޫލަށް ނުދާ ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.
އަލިފުށީ ހެލްތު ސެންޓަރުގެ ނަރުސް، އަދި އެ ރަށު ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) އާ ހަވާލުވެ ހުންނެވި އައިމިނަތު މޫސާ "މިހާރު" އަށް ވިދާޅުވީ އިއްޔެ އެކަނި ވެސް 123 ދަރިވަރުން ސްކޫލަށް ނުދާ ކަމަށެވެ. އަދި މިދިޔަ ހަފުތާގެ ކޮންމެ ދުވަހަކު 100 އަށް ވުރެ ގިނަ ދަރިވަރުން ސްކޫލަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ބިރު މުޅި ރާއްޖޭގައި ވެސް އޮތުމުން، ރޯގާގެ އަލާމާތެއް ހުރި ނަމަ ގޭގައި އެކަހެރި ވުމާއި ސްކޫލަށާއި މަސައްކަތަށް ނުދާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރަށު އާބާދީގައި 3،000 އާ ގާތްކުރާއިރު ސްކޫލުގައި އުޅޭ ކުދިންގެ އަދަދު 400 އަށް ވުރެ ގިނަ އެވެ.
އައިމިނަތު ވިދާޅުވީ ދަރިވަރުން ސްކޫލަށް ނުދަނީ ރޯގާގެ އަލާމަތްތައް ހުންނާތީ ކަމަށެވެ. ސްކޫލް ދަރިވަރުންގެ އިތުރުން ބޮޑެތި މީހުންގެ ތެރޭގައި ވެސް ރޯގާ ފެތުރިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯގޭ ޖެހޭ މީހުން ގިނަވުމުން މިއީ ކޮވިޑް-19 އަށް ވެދާނެ ކަމަށް ބަލައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޓީމެއް އިއްޔެ އަލިފުއްޓަށް ގޮސް 44 ދަރިވަރެއްގެ ސާމްޕަލް ވެސް ވަނީ ނަގައިފަ އެވެ. އެ ހުރިހާ ދަރިވަރުންގެ ނަތީޖާ ދެއްކީ ކޮވިޑަށް ނެގެޓިވް ކަމަށެވެ.
މީގެ އިތުރުން ރެންޑަމްކޮށް ސާމްޕަލް ނަގައި ރޯގާގެ އަލާމާތާ އެކު ޑޮކްޓަރަށް ދައްކާ މީހުން ޓެސްޓުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
"ރޯގާގެ އަލާމާތާ އެކު ޑޮކްޓަރަށް ދެއްކުމުން އަޅުގަނޑުމެން އެދެން ކޮވިޑް ޖެހިފައިވޭތޯ ބަލަން ޓެސްޓުކުރަން. ނަމަވެސް ވަރަށް މަދު ބަޔަކު ސާމްޕަލްކުރަން އެއްބަސްވަނީ،" އޭނާ ވިދާޅުވި އެވެ.
އައިމިނަތު ވިދާޅުވީ ވާރޭ ނުވެހި ގިނަ ދުވަސް ވުމުން އަރިދަފުސް ރޯގާ ފެތުރުމަކީ ދިމާވާ ކަމެއް ނަމަވެސް ނަމަވެސް ރަށު ތެރޭގައި މިހާ ބޮޑަށް، އަދި ހާއްސަކޮށް ތުއްތު ކުދިން ތެރޭގައި ރޯގާ ފެތުރުނު ކަމަށް ބެލެވެނީ މީގެ ދެ ހަފްތާއެއް ވަރު ކުރިން ބޭއްވި ސްޕޯޓްސް މީޓެއްގެ ސަބަބުނެވެ.
ޔޫކޭޖީގައި ކިޔަވާ ތުއްތު ދަރިއަކު ހުރި އައިމިނަތު ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކީ އެ ހަރަކާތް ބޭއްވި ނަމަވެސް ގިނަ ކުދިންތަކެއް އެއްވެ އުޅުމުން ބަލި ފެތުރުނީ އެ ތަނުގެ ތެރޭގައި ކަމަށް ގިނަ ބެލެނިވެރިން ގަބޫލުކުރާ ކަމަށެވެ.
"ކުދިން ދާން ބޭނުންވާތީ، އަޅާފައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލާފައި ދަރިވަރުން ފޮނުވަނީ އެކަހަލަ ހަރަކާތްތަކަށް،" އޭނާ ވިދާޅުވި އެވެ.
ރަށުގެ މުއައްސަސާތަކާއި ޒުވާނުންގެ ބައިވެރިވުމާ އެކު ރަށު ތެރެއަށް ފެން ޖަހައި ހިރަފުސްކަން ކުޑަކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގިނަ މީހުން، އެ ބަޔަކު އުޅޭ ގޭގެ ސަރަހައްދަށް ވެސް ފެން ޖަހާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހަލުވި ކަމާ އެކު ކޮވިޑް ފެތުރޭތީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުޅޭ މީހުން ވެސް އާންމު ތަންތަނަށް ދާ އިރު މާސްކު އަޅަން އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ. މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ އިރު، 64 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފަ އެވެ.