ބާރަށު ހޯމް ކަރަންޓީނުން ކޮވިޑަށް ޕޮޒިޓިވްވި ނުވަ މީހުންގެ ފަރާތުން 13 މީހަކު ޕޮޒިޓިވް
ބާރަށު ހޯމް ކަރަންޓީނުން ކޮވިޑަށް ޕޮޒިޓިވްވި ނުވަ މީހުންގެ ފަރާތުން 13 މީހަކު ޕޮޒިޓިވް

ހއ. ބާރަށުގައި ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އެ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރު އިތުރު 13 މީހަކު ޕޮޒިޓިވްވެ އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 22 އަށް އަރައިފި އެވެ.

ރަށު ކައުންސިލުން ބުނީ ކޮވިޑް ޖެހިފައިވާ ގިނަ ބަޔަކު ފެނި ހާލަތު ނުރައްކާވުމުން މިއަދު ޖަމާއަތުގައި ހުކުރު ނަމާދު ވެސް ނުކުރަން ނިންމާފައިވާ ކަމަށެވެ.

ބާރަށު ކައުންސިލްގެ ރައީސް އާސިފް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ އެ ރަށުން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމުން ރަށް މި ވަނީ "ލޮކްޑައުން" އެއް ފަދަ ހާލަތެއްގައި ކަމަށެވެ.

"އިސްލާމިކް މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނެގުމަށް ފަހު ހުކުރު ނަމާދު ނުކުރަން ނިންމީ،" އޭނާ ވިދާޅުވި އެވެ.

ދެ ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ބާރަށުން އެންމެ ފުރަތަމަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ މާލެ އިން އެ ރަށަށް ދިޔަ ނުވަ މީހަކު، ހޯމް ކަރަންޓީން ފުރިހަމަކުރުމަށް ފަހު ނެގި ރިލީސް ސާމްޕަލް ޓެސްޓުކުރި އިރު އެވެ. އެއާ އެކު އެ ރަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ރަށް ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ. އެހެންވެ އެ ރަށަށް އަރައިފޭބުން މަނަަ އެވެ.

ކޮވިޑްގެ ފުރަތަމަ ނުވަ ކޭސް ފެނުމާ އެކު އެ މީހުންނާ ކޮންޓެކްޓުވެފައި ތިބި ބަޔަކު ޓެސްޓުކުރުމުން ހަތަރު މީހަކު ޕޮޒިޓިވްވިކަން އެނގުނެވެ. އަދި އެ ހަތަރު މީހުންނާ ބައްދަލުވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި ޓެސްޓްކުރު އިރު އިތުރު ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

"އިިއްޔެ އަޅުގަނޑުމެން ކުރި މަސައްކަތުން މިހާރު ވާނީ އިތުރު 200 ސާމްޕަލެއް ނަގާފައި،" އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ ސާމްޕަލް ނެގި އެންމެން ވެސް ނަތީޖާ ލިބެންދެން ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށެވެ.

ރާއްޖޭގައި ބަލީގެ ހާލަތު އެންމެ ބޮޑަށް ނުރައްކާވެފައިވާ މާލެއިން ރަށްރަށަށް ދާ މީހުން 10 ދުވަހުގެ ހޯމް ކަރަންޓީނު ފުރިހަމަކުރަން ޖެހެ އެވެ. ނަމަވެސް ކަރަންޓީނުގައި ތިބޭ މީހުންނާ ރަށުގެ އެހެން މީހުން ދިމާވެ ކަރަންޓީނު އުސޫލުތަކާ ހިލާފުވެގެން ނުވަތަ ނޭނގުމުގެ ތެރެއިން ދިމާވި ބައެއް ކަންކަމުން މީގެ ކުރިން އެހެން ރަށްރަށުގައި ވެސް ކޮވިޑް ފެތުރިފައިވެ އެވެ.

މާލޭގެ އިތުރުން ރަށްރަށުގައި ވެސް ކޮވިޑް-19 މިހާރު ދަނީ ފެތުރެމުންނެވެ. ކޮވިޑުން ރައްކާތެރިވާން ވެކްސިން ޖެހި ނަމަވެސް، ކޮވިޑް ޖެހުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އޮންނާނެ އެވެ. ނަމަވެސް ބަލީގައި ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަވާނެ އެވެ. ސިއްހީ މާހިރުން ނަސޭހަތްތެރި ވަނީ ކޮވިޑް ވެކްސިން ޖެހި ނަމަވެސް އެ ބަލިން ރައްކާތެރިވާން މާސްކު އެޅުމާއި ގިނަ ގިނައިން އަތް ދޮވުމާއި އެއްބަޔަކު އަނެއް ބަޔަކު ގައިގޯޅިވެ ނުވުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ދެމިތިބޭށެވެ.

މިހާތަނަށް 20،447 މީހުންނަށް ރާއްޖެއިން ކޮވިޑް-19 ޖެހިފައި ވެ އެވެ. އޭގެ ތެރެއިން 64 މީހަކު މަރުވެފައިވެ އެވެ. މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 2،664 މީހުންނެވެ. ޖުމްލަ 137،124 މީހުންނަށް ކޮވިޑް-19 ވެކްސިން ޖަހާފައި ވެ އެވެ.