05 މާޗް 2021 - 11:03

އޮކްލޭންޑް (މާޗް 5) - ނިއު ޒީލެންޑަށް ހުކުރު ދުވަހު އައި ބާރުގަދަ ތިން ބިންހެލުމަށް ފަހު ނެރުނު ސުނާމީ އިންޒާރު އުވާލައިފި އެވެ.
ތިން ވަނަ ބިންހެލުން އަދި އެންމެ ބާރުގަދަ ބިންހެލުމަށް ފަހު ސުނާމީގެ އިންޒާރާ އެކު މީހުން ރައްކާތެރިވުމުގެ އަމުރު ނެރެފައިވަނީ ނޯތު އައިލެންޑުގެ އައްސޭރި ފަށުގައި ދިރިއުޅޭ މީހުންނަށެވެ. ނޭޝަނަލް އިމަޖެންސީ އެޖެންސީން ނެރުނު ސުނާމީ އިންޒާރާ އެކު އުސް ތަންތަނަށް މީހުން ބަދަލުވާން އުޅުމުގެ ތެރޭގައި ވަނީ ބައެއް މީހުންނަށް އުނދަގޫތަކާ ކުރިމަތިވެފަ އެވެ. އެކަމަކު ނިއު ޒީލެންޑް ގަޑިން ހުކުރު ދުވަހު މެންދުރު ފަހަށް އެޅި އިރު، ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ބިންހެލުމާ ގުޅިގެން އުފެދުނު އެންމެ ބޮޑު ރާޅު ބީއްސާލައިފި ކަމަށާއި މިހާރު ދެން ނުރައްކަލެއް ނެތް ކަމަށެވެ. އަދި ބަދަލުވި މީހުން އެނބުރި ގެދޮރަށް ދިއުމަށް އިލްތިމާސްކޮށްފައިވެ އެވެ. ނަމަވެސް ގޮނޑުދޮށަށް ނުދިއުމަށް އަންގާފައިވެ އެވެ.
ހަވާއީގެ ޕެސިފިކް ވޯނިން ސެންޓަރުން ބުނެފައި ވަނީ ސުނާމީގެ ރާޅު އުފެދުނު ކަމަށާއި އެއްވެސް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް ކަމަށެވެ.
ނިއު ޒީލެންޑަށް އައި ތިން ބިންހެލުން ވެސް ރިކްޓަމިންގަނޑުން ހަތަކަށް ވުރެ މައްޗެެވެ. ނިއު ޒީލެންޑް ގަޑިން ހުކުރު ދުވަހު 8:30 ގައި އައި އެންމެ ބާރުގަދަ ބިންހެލުމުގެ ބާރުމިން ހުރީ 8.1 ގަ އެވެ. އެ ބިންހެލުން އައީ މީހުން ނޫޅޭ ރަށެއް ކަމަށްވާ ކާމެޑެކް އައިލެންޑާ ކައިރިއަށެވެ. އެއީ ނިއު ޒީލެންޑުގެ އިރު އުތުރުން 621 މޭލު ދުރުގައި އޮންނަ ރަށެކެވެ.
ނިއު ޒީލެންޑަށް ބިންހެލުން އައިސްފައި މިވަނީ ކްރައިސްޗާޗަށް 6.3 ގެ ބާރުމިނުގައި އައި ބިންހެލުމަށް 10 އަހަރު ފުރުން ފާހަގަކުރިތާ ހަފުތާއެއް ފަހުންނެވެ. އެ ފަހަރުގެ ބިންހެލުމުގައި ވަނީ 185 މީހުން މަރުވެފަ އެވެ.