05 މާޗް 2021 - 08:55

ލިވަޕޫލް (މާޗް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، ޗެލްސީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
މިއީ ލިވަޕޫލް ދަނޑުގައި އެ ޓީމު ޖެހިޖެހިގެން ބަލިވި ފަސް ވަނަ މެޗެވެ. މިއީ އެ ޓީމުގެ ތާރީހުގައި ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ 2014 ވަނަ އަހަރަށް ފަހު ޗެލްސީން ލީގުގައި ލިވަޕޫލް ދަނޑުގައި މޮޅުވި ފުރަތަމަ މެޗެވެ.
ރޭގެ ނަތީޖާއާ އެކު ޗެލްސީ ހަތަރު ވަނަ އަށް އެރީ 27 މެޗުން 47 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތީ ރޭ ވެސްޓް ބްރޮމް އަތުން 1-0 އިން މޮޅުވި އެވަޓަން އެވެ. އެވަޓަަން އަށް ވަނީ 26 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތީ 26 މެޗުން 45 ޕޮއިންޓް ހޯދާފައިވާ ވެސްޓް ހޭމް އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ހަތް ވަނައިގައި އޮތީ 27 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ.
ލިވަޕޫލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 24 ވަނަ މިނިޓްގައި ޗެލްސީގެ ޓިމޯ ވާނާ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ. ޗެލްސީގެ ގޯލު ޖެހީ މެޗުގެ 42 ވަނަ މިނިޓްގައި މޭސަން މައުންޓް އެވެ. ފުރަތަމަ ހާފުގައި ލިވަޕޫލަށް ލަނޑެއް ޖަހައިދޭން ސަޑިއޯ މާނޭ އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
ދެ ވަނަ ހާފްގެ ކުރީކޮޅުގައި އޭރިއާތެރެއިން ޗެލްސީގެ އެންގޯލޯ ކާންޓޭ އަތުގައި ބޯޅަ ޖެހުމުން ލިވަޕޫލުން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީ ނުދޭށެވެ. ޗެލްސީގެ ހަކީމް ޒިޔެޗް ޖެހި ބޯޅައެއް ލިވަޕޫލްގެ ޑިފެންޑަރުން ގޯލު ރޮނގުމަތިން ސަލާމަތްކުރިއިރު، ޗެލްސީގެ ގޯލާ އަމާޒުކޮށް ލިވަޕޫލުން ފޮނުވާލި ހަމަލާއެއް ފެނުނީ މެޗުގެ ފަހު ކޮޅުގަ އެވެ. ޖިއޮޖީނިއޯ ވައިނަލްޑަމް ބޮލުން ޖެހި ބޯޅަ ޗެލްސީގެ ކީިޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ.
ޗެލްސީގެ ކޯޗުކަމާ ޖެނުއަރީ މަހު ފަހުކޮޅު ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވެ އެވެ. ޓުޗެލް ބުނީ ލިވަޕޫލް ދަނޑުގައި މޮޅެއް ހޯދޭނީ ވަރަށް ރަނގަޅަށް މަސައްކަތްކޮށްގެން ކަމަށާއި އެކަން ހާސިލްކުރެވުނީ ޓީމެއްގެ ގޮތުގައި ކުރި ހިތްވަރުން ކަމަށެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ބަލިވީ ހެދުނު ވަރަށް އާދައިގެ ގޯހަކުން ކަމަށާއި މީގެ ޒިންމާ ނަގަން ޖެހޭ ކަމަށެވެ. ކޮންމެ މެޗެއްގައި އެއް ކަހަލަ ކަންތައްތަކެއް ތަކުރާރުވުން އާންމުވެއްޖެކަމަށާއި މީގެ ހައްލެއް ނުލިބި ކުރިއަށްދެވޭނެ މަގެއް ނެތް ކަމަށް ކްލޮޕް ބުންޏެވެ.
ލީގުގައި ރޭ ފުލަމް ދަނޑުގައި ޓޮޓެންހަމް ވަނީ 1-0 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު ޓޮޓެންހަމް އޮތީ 26 މެޗުން 42 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.