04 މާޗް 2021 - 23:44

ޖަޕާނު ސަރުކާރުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ސާމާނު ހަދިޔާކުރަން ނިންމައިފި އެވެ.
އެމްއައިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެހީ ދިނުމުގެ އެއްބަސްވުމުގަައި ސޮއިކުރީ ރާއްޖޭގައި ހުންނަ ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާ އާއި އެމްއައިޓީގެ ޑިރެކްޓާ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.
ޖަޕާނުގެ އެމްބަސީން ނެރުނު ބަޔާނެއްގައިވަނީ އެމްއައިޓީން ހިންގާ ކޯސްތަކާއި ޕްރޮގްރާމްތައް ކުރިއެރުވުމަށްޓަކައި އެ އެއްބަސްވުމުގެ ދަށުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސާމާނު ޖަޕާނު ސަރުކާރުން ހަދިޔާ ކުރާނެ ކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން ދާއިރާ އާއި ލޭންޑް ސާވޭގެ އިތުރުން މެކޭނިކަލް އަދި ސިވިލް އިންޖިނިއަރިންގެ ދާއިރާއިން އިތުރު ޕްރޮގްރާމްތައް ހިންގަން މަގުފަހިވެގެންދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ޒުވާނުންނަށް އެފަދަ އިތުރު ތަމްރީނާއި ހުނަރުތައް ދަސްކޮށް ދިނުމަކީ އިގްތިސާދު އިތުރަށް ކުރިއެރުމަށް ލިބޭނެ އިތުރު ބާރެކެވެ. އަދި އެހީއަކީ ޖަޕާނު ސަރުކާރުން ހިންގާ އޮފިޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް (އޯޑީސީ) ގެ ދަށުން އެކި ދާއިރާތަކަށް އެހީވުމުގެ ޕްރޮގްރާމްގެ ތެރެއިން ދިން އެހީއެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ޖަޕާނަކީ އެންމެ ގިނައިން ރާއްޖެއަށް އެހީ ދޭ އެއް ގައުމެކެވެ. ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގުމުގެ އިތުރުން ކޮވިޑް-19 ގެ ތެރޭގައި ވެސް، އެންމެ ގިނައިން ހިލޭ އެހީ ދެމުން އަންނަ އެއް ގައުމަކީ ޖަޕާނެވެ.