ނަސްރުގެ 68 ވަނަ މެރެތަން ތުރުކީގައި
ނަސްރުގެ 68 ވަނަ މެރެތަން ތުރުކީގައި

އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ރެކޯޑް އޮތް ސިފައިންގޭގެ ނަސްރުﷲ އަހުމަދު (ނަސްރު) އޭނާގެ 68 ވަނަ މެރެތަންގައި ބައިވެރިވަން ތުރުކީ އަށް ފުރަން ތައްޔާރުވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަލާމަތީ ސަބަބުތަކަށް ބެލުމަށް ފަހު މި މެރެތަން އަށް މުޅި ދުނިޔެ އިން ބައިވެރިވާން ހުޅުވާލާފައިވަނީ 50 ޖާގަ އަށެވެ. އެ ޖާގައިގެ ތެރެއިން ހޯދި ފުރުސަތެއްގައި އަންނަ އާދިއްތަ ދުވަހު ނަސްރު ތުރުކީ އަށް ދާނީ އިތުރު ދެ އެތުލީޓުންނާ އެކީ އެވެ. އެއީ މުހައްމަދު ރަޝީދު (މޯޑު) އާއި މުހައްމަދު މުސްތަފާ އެވެ. މިއީ މުސްތަފާ އިންޓަނޭޝަނަލް އިވެންޓެއްގައި މުސްތަފާ ވާދަކުރާނެ ފުރަތަމަ ފަހަރެވެ.

"ޓާގެޓަކީ ރަނގަޅު ނަތީޖާއެއް ހޯދުން. މި ކޮވިޑް ތެރޭގައި ވަރަށް ބޮޑު ރިސްކެއް ނަގާފައި މި އިވެންޓަށް މި ދަނީ ރާއްޖެ އަށް ރީތި ނަމެއް ލިބޭތޯ. ހާއްސަ ޝުކުރެއް އަދާކުރަން ޗީފް އޮފް ޑިފެންސް ފޯސް އަދި ދިވެހި ސިފައިންގެ ކްލަބާއި ކްލަބްގެ ރައީސަށް،" ނަސްރު ބުންޏެވެ.

ކޮކާކޯލާ އިން ސްޕޮންސާކޮށްފައިވާ ނަސްރު އަކީ ދިގު ދުވުމުގައި ނަމޫނާ އެތުލީޓެކެވެ. ގައުމުތަކަށް ގޮސްގެން މެރެތަން ޖެހުމުގެ އިތުރުން އޭނާ އަންނަނީ އެކި ގޮތްގޮތުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި މެރެތަންތަކުގައި ބައިވެރިވަމުންނެވެ. ކޮވިޑް-19އާ ހެދި ދަތުރުފަތުރު ކޮށްގެން މެރެތަންތަކުގައި ބައިވެރިވެވޭނެ ފުރުސަތުތަކެއް ފަހަަކަށް ނެތުމުން އޭނާ ވަނީ ވާޗުއަލްކޮށް ވީހާ ވެސް ގިނަ ދުވުންތަކެއްގައި ވާދަކޮށްފަ އެވެ.

ސިފައިންގެ ސްޓާފް ސާޖަންޓް، ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅު އެވެ. ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ 5000 މީޓަރު ދުވުމުގައި، ފަސް ވަނާގައި އޮވެ އެންމެ ފަހު 400 މީޓަރުގައި ހިފި ގޮތަށް ގޮސް ތިން ވަނަ ލިބުނު ހިސާބުން އޭނާގެ ސަމާލުކަން ދިގު ދުވުންތަކަށް ހުއްޓުނީ އެވެ. އަދި 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމައި ދިގު ރާސްތާ ދުވުންތަކުގެ ތެރެއަށް ރަސްމީކޮށް ވަނެވެ. އޭނާ ބުނި ގޮތުގައި މެރެތަން ދުވުމަކީ ރެކޯޑަކަށް ވިސްނައިގެން ފެށި ކަމެއް ނޫނެވެ. އެކަމަކު ވަކި ހިސާބަކުން އެކަމަށް އަމާޒު ހިފީ އެވެ.

އޮކްޓޫބަރު މަހު ވާޗުއަލްކޮށް ދުވި މޮސްކޯ ރަނިން މެރެތަން އަކީ ނަސްރުގެ 60 ވަނަ މެރެތަން އެވެ. އެ މެރެތަންގެ މެޑެއްޔާއި ޓީޝާޓް އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާކޮށްފަ އެވެ. އެކަމަށް ހާއްސަކޮށް ޑިސެމްބަރު މަހު ބޭއްވި ރަސްމިއްޔާތަކާ ބެހޭގޮތުން ރައީސް އޮފީހުން ބުނި ގޮތުގައި ނަސްރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާގެ ދުވުންތެރިޔާ އަށް ވުމަށްޓަކައި އޭނާ ކުރަމުންދާ މަސައްކަތަށް ރައީސް ވަނީ ހިތްވަރުދެއްވައިފަ އެވެ.

އޭޝިއާގައި އެންމެ ގިނަ މެރެތަން ޖެހުމުގެ ރެކޯޑް އޮތް ދުވުންތެރިޔާ ދުވެފައިވަނީ 100-150 އާ ދޭތެރޭގެ އަދަދަކަށެވެ. އެ އަދަދު ކަށަވަރުކުރުމަށް ފަހު އެ ރެކޯޑް މުގުރާލަން އޭނާ ބޭނުންވެ އެވެ. އަދި އެއަށް ފަހު ދުނިޔޭގެ ރެކޯޑަކާ ދިމާލަށް ދިއުމަށް ވެސް އޭނާ ހުރީ ނިންމައިގެންނެވެ.