04 މާޗް 2021 - 18:24

ޗައިނާ އިން ރާއްޖެއަށް ކޮވިޑް-19 ގެ ވެކްސިންގެ އިތުރު 100،000 ޑޯޒް ހަދިޔާ ކުރަން ނިންމައިފި އެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ބޭނުންކުރާ ވެކްސިންގެ 100،000 ޑޯޒް ހަދިޔާ ކުރާނެ ކަމަށް ޗައިނާއިން ކުރިން އޮތީ އިއުލާންކޮށްފަ އެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިއޮން ކުރެއްވި ޓްވީޓެއްގައިވަނީ ކުރިން ހަދިޔާކުރަން ނިންމި 100،000 ޑޯޒްގެ ވެކްސިިންގެ އިތުރުން އިތުރު 100،000 ޑޯޒްގެ ކޮވިޑް ވެކްސިން ރާއްޖެއަށް ހަދިޔާކުރަން ޗައިނާ އިން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ރާއްޖޭގެ އިގްތިސާދު އަވަހަށް ރަނގަޅުކުރަން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކަމަށް ސަފީރުގެ ޓްވީޓްގައިވެ އެވެ.
ރާއްޖެއަށް ޗައިނާއިން ހަދިޔާކުރަން ނިންމާފައިވަނީ އެ ގައުމުން އުފެއްދި ސައިނޯފާމް ކިޔާ ވެކްސިނެކެވެ. ޗައިނާއިން ދަނީ އަވަށްޓެރި އެހެން ގައުމުތަކަށް ވެސް އެ ވެކްސިން ހަދިޔާކުރަމުންނެވެ.
ޗައިނާގެ އިތުރުން އިންޑިއާ އިން ވެސް ވަނީ 200،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެ ގައުމުން ހަދިޔާކުރީ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ފަށައި، ލައްކައަކަށް ވުރެ ގިނަ މީހުންނަށް އެ ވެކްސިން ވަނީ ޖަހައިފަ އެވެ.