04 މާޗް 2021 - 15:00

ވޮޝިންޓަން (މާޗް 4) - ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާފައިވާ ޖަރީމާތައް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ބަލަން ފެށުމުން އެމެރިކާ އިން ނުރުހުން ފާޅުކޮށްފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ އައިސީސީގެ ޕްރޮސެކިއުޓަރުގެ ނިންމުމަށް ހިތާމަކުރާ ކަމަށާއި އެމެރިކާ އޮންނާނީ އިޒްރޭލާ އެކުގައި ކަމަށެވެ.
"އިޒްރޭލަށް އަމާޒުކުރާ ބޭއިންސާފު ހުރިހާ ކަމަކާ އެމެރިކާ އިން ދެކޮޅު ހަދާނެ،" ޕްރައިސް ވިދާޅުވި އެވެ.
އެމެރިކާ އާއި އިޒްރޭލުން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް އައިސީސީގެ ޗީފް ޕްރޮސެކިއުޓަރު ފާތޫ ބެންސޫދާ ވަނީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާފައިވާ ޖަރީމާތައް ރަސްކޮށް ބަލަން ފައްޓަވައިފަ އެވެ. އޭނާ ވިދާޅުވީ ވެސްޓް ބޭންކް، އީސްޓް ޖެރޫސަލް އަދި ގާޒާ ސްޓްރިޕްގައި ޖޫން 2014 ގެ ފަހުން އިޒްރޭލުން ހިންގާފައިވާ ހުރިހާ ޖަރީމާއެއް ތަހުގީގު ކުރާނެ ކަމަށެވެ. އަފްޣާނިސްތާނުގައި އެމެރިކާ އިން ހިންގާފައިވާ ޖަރީމާތައް ބަލާނެ ކަމަށް ބުނުމުން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ވަނީ ބެންސޫދާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.
ނަމަވެސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ އައިސީސީއާ އެކު ގުޅުން ރަނގަޅު ކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ދަތިކުރުމުގެ ފިޔަވަޅު އަދި އުވާލައިފައެއް ނުވެ އެވެ.
އިޒްރޭލަކީ އައިސީސގެ މެންބަރެއް ނޫނެވެ. ނަމަވެސް އެ ކޯޓުން ވަނީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގި ޖަރީމާތައް ބެލޭނެ ކަމަށް ނިންމައިފަ އެވެ.
ގާޒާ އާއި އީސްޓް ޖެރޫސަލް އަދި ވެސްޓް ބޭންކް އިޒްރޭލުން ހިފާފައި ވަނީ 1967 ވަނަ އަހަރުގެ ހަނގުރާމައިގަ އެވެ.