ދެ ކުންފުނި އެއްކޮށްލުމުން މިހާރު އެންމެ ބޮޑު ބޯޑެއް އޮތީ އެޗްޑީސީގައި
ދެ ކުންފުނި އެއްކޮށްލުމުން މިހާރު އެންމެ ބޮޑު ބޯޑެއް އޮތީ އެޗްޑީސީގައި

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެއްކޮށްލައި ބޯޑަށް ގެނައި ބަދަލުތަކާ އެކު އެންމެ ބޮޑު ޑިރެކްޓަރުންގެ ބޯޑެއް އޮތް ސަރުކާރުގެ ކުންފުންޏަކަށް އެޗުޑީސީ ވެއްޖެ އެވެ.

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މަސްއޫލިއްޔަތުތައް އެޗްޑީސީއާ ހަވާލުކުރުމުން އެ ކުންފުނީގެ ބައެއް ބޯޑު މެންބަރުންނާ އެކު މިހާރު އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި 11 މެމްބަރުން ތިއްބަވަ އެވެ.

އެޗްޑީސީގެ ޗެއާމަނަކީ މުހައްމަދު ޖައިޝް އިބްރާހިމެވެ. މެނޭޖިން ޑިރެކްޓަރަކަށް ސުހެއިލް އަހުމަދު ހުންނެވި އިރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު އާތިފް އެވެ.

ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުގައި ހުންނެވީ ޝާތިރު އަބްދުއްރަހްމާން އެވެ.

ބޯޑުގެ އިތުރު ޑިރެކްޓަރުންގެ ތެރޭގައި ހިމެނެނީ ހަސަން މުނީރާއި އިބްރާހިމް އަފްރާތާއި އަބްދުﷲ ރަމީޒާއި އަބްދުލް މުއްނިމް މުހައްމަދު މަނިކާއި މުހައްމަދު ޖަލާލާއި މަރިޔަމް ޝަވާދިން އަބްދުﷲ އަދި އަބްދުﷲ މިއާދެވެ.

މި ބޯޑު މެންބަރުންގެ ތެރެއިން ސީއޯއޯ ޝާތިރާއި މުއްނިމް އާއި މިއާދަކީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ ބޯޑުގައި ވެސް އޭރު ތިއްބެވި ބޭފުޅުންނެވެ.

އެޗްޑީސީ ނެގުމަށް ފަހު އެންމެ ބޮޑު ޑިރެކްޓަރުންގެ ބޯޑެއް އޮތް ސަރުކާރުގެ ކުންފުންޏަކީ، ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އެވެ. ސަރުކާރާއި އާންމުންގެ ހިއްސާ އޮންނަ އެ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގައި 10 މެންބަރުން ތިއްބަވަ އެވެ.

އެސްޓީއޯގެ ބޯޑުގައި ހަ މެންބަރުން އަދި އެމްޓީސީސީގެ ބޯޑުގައި ހަތް މެންބަރުންނެވެ.

އެޗްޑީސީއަށް އިތުރު މަސްއޫލިއްޔަތުތައް ލިބި ކުންފުނީގެ ހިންގުން އިތުރު ދާއިރާތަކަށް ފުޅާކޮށްފައިވާ އިރު ސަރުކާރުން އެންމެ ގިނަ ސޮވެރިން ގެރެންޓީ ދީފައި ވަނީ ވެސް އެޗުޑީސީއަށެވެ. އެގޮތުން ކުރީ ސަރުކާރުން ގެރެންޓީ ދީގެން އެޗުޑީސީގެ ބޮލުގައި 11 ބިލިއަން ރުފިޔާގެ ލޯނުގެ ދަރަނި އެޅިފައިވެ އެވެ. އަދި މި ސަރުކާރުން ހުޅުމާލެ މަގު ހަދަން އިންޑިއާގެ އެގްޒިމް ބޭންކުން 19.25 މިލިއަން ޑޮލަރު (295 މިލިއަން ރުފިޔާ) ގެ ލޯނު ނެގީ ވެސް ސަރުކާރުން ގެރެންޓީ ދީގެންނެވެ.