ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއަށް އަދުރޭ އިންކާރު
ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއަށް އަދުރޭ އިންކާރު

އާންމު ތަނެއްގައި ހަޑިހުތުރު ބަސް ބޭނުންކުރި ކަމަށް ބުނެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ކުރާ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ.

އިދިކޮޮޅު ކޯލިޝަންގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި އަބްދުއްރަހީމްގެ މައްޗަށް ދައުލަތުން އެ ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި ދުވަހު އެ ސަރަހައްދުގައި ކުރި މުޒާހަރާއެއްގައި، ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗަށް ނިސްބަތް ކުރައްވައި ހުތުރު ބަހެއް ބޭނުން ކުރެއްވި ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި އަބްދުއްރަހީމް އެ ދައުވާއަށް އިންކާރު ކުރެއްވުމުގެ އިތުރުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ލިޔުމުން ހުށަހެޅުމުގެ ފުރުސަތަކަށް އޭނާގެ ފަރާތުން އެދިވަޑައިގަތެވެ.

ދައުލަތުން ބުނީ ޝަރީއަތުގެ ކުރީގެ އެއްވެސް ހުށަހެޅުމެއް ނެތް ކަމަށާއި ނަމަވެސް އަބްދުއްރަހީމްގެ ފަރާތުން ދިފާއުުގައި ހުށަހަޅާ ހެއްކަކާ ގުޅިގެން އެފަދަ ހުށަހެޅުމެއް ފަހުން ހުށަހަޅަން ޖެހިއްޖެ ނަމަ، އެ ފުރުސަތު ދޭން އެދޭ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން އަންގާރަ ދުވަހާ ހަމައަށް އަބްދުއްރަހީމަށް ފުރުސަތު ދެއްވާ ކަމަށެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ، އަންނާނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ކުށަށް އިއުތިރާފްވެއްޖެ ނަމަ، 27 ދުވަހުގެ ޖަލު ހުކުމަކަށް އަދަބު ކުޑަވާނެ އެވެ.