11 ނޮވެމްބަރ 2016 - 14:28

ހުޅުމާލެ އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަންތަކުގައި މައްސަލަ ޖެހި ބައެއް ޖަންކްޝަންތަކުން ފެން ލީކުވަމުން އަންނާތީ އާންމުންނަށް ޝަކުވާކުރަން ފަށައިފި އެވެ.

ވަޅު ފެން ލީކުވަނީ ޗައިނާ ފްލެޓުތަކުގެ ބައެއް ޖަންކްޝަންތަކުންނެވެ. ބައެއް ޖަންކްޝަންތަކުން ވަރަށް ބޮޑަށް ފެން ލީކުވެ އެ ހިސާބުގައި ފެން ބޮޑުވެފައި ވާއިރު ނުބައި ވަސް ފެތުރިފައި ހުއްޓެވެ.
ހުޅުމާލެ ބަލަހައްޓާ އެޗްޑީސީގެ މުނިސިޕަލް ޑިރެކްޓަރު އިސްމާއިލް ޝާން މިއަދު ވިދާޅުވީ ފްލެޓުތަކުގެ ޖަންކްޝަންތަކުން ފެން ލީކުވާ ކަމުގެ ޝަކުވާ އާންމުން ކުރާތީ އެމްޑަބްލިއުއެސްސީގެ ސަމާލު ކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަޖިހެއް ނޫން ބޭރުވަނީ، ފެން ލީކުވާތީ އެ މައްސަލަ ހައްލުކޮށްދޭން އެމްޑަބްލިއުއެސްސީގައި މިހާރު އެދިފައިވަނީ، އެއީ އަޅުގަނޑުމެންގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫންވީމަ،" ޝާން ވިދާޅުވި އެވެ.
ޝާން ވިދާޅުވި ގޮތުގައި ބައެއް ފްލެޓްތައް ކައިރީގައި ހުރި ޖަންކްޝަންތަކުން ފެން ލީކުވާތާ ދެތިން ދުވަސް ވެދާނެ އެވެ. އަދި އެމްޑަބްލިއުއެސްސީގެ ޓެކްނިކަލް ޓީމެއް ހުޅުމާލޭގައި ނެތުމުން އެ ކަން ކުރަނީ މާލޭގައި މަސައްކަތްކުރާ ޓީމަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މާލޭގައި ވެސް ޖަންކްޝަންތަކުން ލީކުވުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ދިމާވެ އެވެ.