03 މާޗް 2021 - 22:47

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ޚިލާފަށް، ހދ. ކުޅުދުއްފުށީ ކޯޓުގެ އިހްތިސާސް ނެތް ކަމެއްގައި އަމުރެއް ނެރުމަށް ފަހު، އެ އަމުރު އެ ކޯޓުން އަމިއްލަ އަށް ބާތިލްކޮށްފި އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާގޮތުން ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ޖުވެނައިލް ކޯޓުންނެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އަތޮޅު ތެރޭގައި ހިނގާ ކުޑަކުދިންގެ ކުށުގެ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކަށް ބެލުނަސް، މިހާރު އެފަދަ މައްސަލަތައް ބެލޭނީ ޖުވެނައިލް ކޯޓާއި އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތަކަށެވެ.
މިދިޔަ މަހުގެ ފަހުކޮޅު ކުޅުދުއްފުށީ ކޯޓުން ކުޑަކުއްޖެއްގެ މައްސަލާގައި އަމުރެއް ނެރުނީ އެ ކުއްޖާ ގެންގުޅޭ މޮބައިލް ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ބަލައި، ފާސް ކުރުމަށެވެ. ފުލުހުންގެ އެދުމަކަށް ނެރުނު އަމުރުގައިި އެތަކެތި ބަލައި ފާސްކުރަން ދިނީ ދެ ދުވަހުގެ މުއްދަތެކެވެ. އެކަމަކު އެ އަމުރުގެ މުއްދަތު ހަމަވިތާ އެއް ދުވަސް ފަހުން އެ ކޯޓުން އަމިއްލައަށް ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.
އެ އަމުރު ބާތިލްކުރި ސަބަބެއްގެ ގޮތުގައި އޮތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އެ ކޯޓުގެ އިހްތިސާސް ތެރޭގައި ހިމެނޭ ބާވަތުގެ މައްސަލައަކަށް ނުވުމެވެ. އެ އަމުރު ނެރުއްވީ ވެސް އަދި އަމުރު ބާތިލް ކުރެއްވީ ވެސް ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމެވެ.
އަލީ އާދަމްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން އޮތީ ބުނެފަ އެވެ. އެކަމަކު އޭގެ އެއް މަސް ފަހުން އޭނާއަށް ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން ދީފަ އެވެ.