03 މާޗް 2021 - 17:02

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކެމްޕޭން، އިދިކޮޅު ޕާޓީތަކުން ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ އިންތިޚާބު ކޮމެޓީގެ މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ، ކެމްޕޭން އަލުން ފަށާނީ "މަގޭ ރާއްޖެ، މަގޭ ވޯޓު ރުކަށް،"ގެ ނަމުގަ އެވެ.
ޕީޕީއެމްގެ ދިދައިގައި ހިމެނޭ ރުކަށް އަމާޒުކޮށް، ފަށާ އެ ކެމްޕޭނުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެމްޕޭން ފެށުމަށް، ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި، ހުރިހާ ރަށަކުން ވާދަކުރާ އިދިކޮޅުގެ ކެންޑިޑޭޓުން ބައިވެރިވާނެ އެވެ. ވާޗުއަލްކޮށް ބާއްވާ އެ ޖަލްސާގައި އޭގެ ތެރެއިން ބައެއް މެމްބަރުން ވާހަކަ ދައްކަވާއިރު، ޕާޓީގެ ތަސައްވުރާ ގުޅޭގޮތުން ގިނަ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.
ކެމްޕޭން ވާޗުއަލްކޮށް ފެށި ނަމަވެސް، އަންނަ އޭޕްރީލް ދިހައެއްގައި ބާއްވާ އިންތިޚާބުގައި ވޯޓު ހޯދުމަށް، ރަށްރަށަަށް ދަތުރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެކަން ކުރަން ނިންމާފައިވަނީ ވަރަށް ތަފާތުކޮށެވެ.
މުއާޒް ވިދާޅުވި ގޮތުގައި ކެމްޕޭން ޓީމުތައް ރަށްރަށަށް ގޮސް، އާއްމުންނާ ބައްދަލުކުރާނީ ފަޅުތެރެއިންނެވެ. އެއްވެސް މީހަކު ރަށަކަށް ނުފައިބާނެ އެވެ.
"އަޅުގަނޑުމެން މިކަން ކުރާނީ އެޗްޕީއޭގެ ގައިޑްލައިނުގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިޚާބުގައި މިހާރު ވާދަކުރަނީ 3،934 ކެނޑިޑޭޓުންނެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2،264 މީހުންނާއި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 މީހުންނެވެ.
ސަރުކާރު ނިސްބަތްވާ އެމްޑީޕީން މިހާރު ވަނީ، ކެމްޕޭން ރަސްމީކޮށް ފަށައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ފެއްޓެވި އެ ބައްދަލުވުންތައް ވެސް ބާއްވާފައިވަނީ ވާޗުއަލްކޮށެވެ.