އަރަބި ސްޕްރިންގައި ގައުމުތަކަށް 600 ބިލިއަން ޑޮލަރުގެ ގެއްލުން
އަރަބި ސްޕްރިންގައި ގައުމުތަކަށް 600 ބިލިއަން ޑޮލަރުގެ ގެއްލުން

ޔުނައިޓެޑް ނޭޝަންސް (ނޮވެމްބަރު 11) - އަރަބި ގައުމުތަކަށް 2011 ވަނަ އަހަރު ގެންނަ އުޅުނު އިންގިލާބު ނުވަތަ އަރަބި ސްޕްރިންގައި އެ ސަރަހައްދުގެ އިގްތިސާދަށް 600 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

މިއީ އަރަބި ސްޕްރިންގައި ލިބުނު އިގްތިސާދީ ގެއްލުމާ ބެހޭ ގޮތުން އިގްތިސާދީ ޖަމާއަތަކުން ހެދި ފުރަތަމަ އެސްޓިމޭޓެވެ. އަރަބި ސްޕްރިންގައި ލިބުނު ގެއްލުމަކީ 2011 އިން 2015 އަށް އެ ސަރަހައްދުގެ ޖީޑީޕީގެ ހަ ޕަސެންޓާ އެއްވަރުގެ އަދަަދެއް ކަމަށް އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ ވެސްޓަން އޭޝިއާ އިން ވަނީ ބުނެފަ އެވެ.

އަރަބި ސްޕްރިން ފުރަތަމަ ފެށުނީ ޓީއުނީޝީއާ އިންނެވެ. އަދި ހަތަރު ގައުމެއްގެ ވެރިކަން ވަނީ ބަދަލުވެފަ އެވެ. މީގެ އިތުރުން ލީބިއާ އާއި ސީރިއާ އަދި ޔަމަނުގައި ވަނީ ހަނގުރާމަ ފެށިފަ އެވެ.

ސީރިއާގެ ހަމަނުޖެހުންތައް އެންމެ ފަހުން ވަނީ މަދަނީ ހަނގުރާމައަކަށް ބަދަލުވެފަ އެވެ. އދ.ގެ ކޮމިޝަނުގެ ނޭޝަނަލް އެޖެންޑާ ފޯ ދަ ފިއުޗާ އޮފް ސީރިއާ އިން ލަފާކުރާ ގޮތުގައި ޖީޑީޕީ އާއި ކެޕިޓަލް ލޮސްގެ ގޮތުގައި މަދަނީ ހަނގުރާމައިގައި ސީރިއާ އަށް ލިބުނު ގެއްލުން 259 ބިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި އަރަބި ސްޕްރިންގައި ވެރިކަން ބަދަލުކުރި ގައުމުތަކުގެ އިގްތިސާދު ވެސް އެކަށީގެންވާ މިންވަރެއްގައި ކުރިއަރާފައި ނުވާ ކަމަށް އދ. ގެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.