03 މާޗް 2021 - 14:56

ވޮޝިންޓަން (މާޗް 3) - އެމެރިކާގައި ވެކްސިންޖަހާ އުމުރުގެ ކޮންމެ މީހަކަށް އަންނަ މެއި މަހުގެ ނިޔަލަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ރައީސް ޖޯ ބައިޑަން ދެއްވައިފި އެވެ.
މިއީ ކުރިން އަންދާޒާކުރި ވަރަށް ވުރެ ދެ މަސް ދުވަސް އަވަސް މުއްދަތެކެވެ. ބައިޑަން ވިދާޅުވީ މެއި މަހަށް ފަހު ވެސް ވެކްސިންގެ މުއްދަތު އިތުރު ކުރާނެ ކަމަށެވެ. ސަބަބަކީ އާ ވޭރިއަންޓްތައް އުފަންވަމުން އަންނަ އިރު "މިއީ މާއަވަހަށް ނިމިދާނެކަމެއްހެން ހީނުވާތީ" ކަމަށް ބައިޑަން އިންޒާރު ދެއްވި އެވެ.
ނަމަވެސް ބައިޑަންގެ އެ އިންޒާރަށް ބެލުމެއް ނެތި ބައެއް ސްޓޭޓްތަކުން މިހާރު ވަނީ ދޫދޭން ފަށައިފަ އެވެ. މި ގޮތުން ޓެކްސަސް އިން ވަނީ މާޗް 10 އިން ފެށިގެން މާސްކް އެޅުން މަޖްބޫރު ކުރުން އުވާލާ ގޮތަށް ނިންމައިފަ އެވެ. ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ މިއީ ޓެކްސަސް 100 ޕަސެންޓް ހުޅުވާލަންވީ ވަގުތު ކަމަށެވެ.
"ކުދި ވިޔަފާރިތައް ދަނީ ހަލާކުވަމުން. އެކަމަށް ހައްލެއް ހޯދަން ޖެހޭ،" ރިޕަބްލިކަން ގަވަރުނަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ކާމިޔާބުކަމާ އެކު ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމުގެ އިންތިޒާމްތައް ވެސް މިހާރު ރަނގަޅުވާނެ ކަމަށެވެ.
މިސިއްސިޕީ، މިޝިގަން، ލޫސިއާނާ އިން ވެސް ވަނީ ފިޔަވަޅުތަކަށް ލުއިތައް ދޭން ނިންމައިފަ އެވެ.
އެކަމަކު ސިއްހީ އޮފިޝަލުން ގެންދަނީ މިއީ ދޫދޭންވީ ވަގުތު ނޫން ކަމަށް ބުނަމުންނެވެ. ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ޑިރެކްޓަރު ހޯމަ ދުވަހު ވަނީ އެމެރިކާގައި ހަތަރު ވަނަ ރާޅެއްގެ ބިރު ބޮޑު ކަމަށް އިންޒާރު ދެއްވައިފަ އެވެ.
އެމެރިކާގައި މިހާތަނަށް ވަނީ 76 މިލިއަން މީހުންނަށް ވެކްސިން ޖަހައިފަ އެވެ. މިއީ އާބާދީގެ 15.3 ޕަސެންޓެވެ. ބައިޑަން އަމާޒު ކުރައްވާފައި ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހު 100 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.
އެމެރިކާގައި މިހާރު ވަނީ 29.3 މިލިއަން މީހުން ޕޮޒިޓިވްވެ 529,214 މީހުން މަރުވެފަ އެވެ. މިއީ ދެ ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި އިންޑިއާ އަށް ވުރެ (11.1 މިލިއަން) ދެ ގުނައަށް ވުރެ ވެސް އިތުރު އަދަދެކެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ބްރެޒިލުން ބަލިޖެހިފައި ވަނީ 10.6 މިލިއަން މީހުންނަށެވެ. ނަމަވެސް އާބާދީގެ ކޮންމެ އެއް ލައްކަ މީހުންގެ ތެރޭން މަރުވާ ރޭޓަށް ބަލާއިރު އެމެރިކާ ވަނީ ނުވަ ވަނައިގަ އެވެ.