03 މާޗް 2021 - 14:07

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ރޭޕާއި ޖިންސީ ގޯނާގެ ދައުވާތަކީ، "ސިޔާސީ ދައުވާތަކެއް" ކަމަށް ފުރަތަމަ ފަހަރަށް ސިފަކުރައްވައި، އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މިއަދު މަޖިލިހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރޭޕްކުރަން އުޅުމާއި ޖިންސީ ގޯނާގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފަށާފައި ވަނިކޮށް، އޭނާ ފުރުއްވި މައްސަލަ ބަލަމުން އަންނަ ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއިން ޖުމްލަކޮށް ފެންނަނީ ސިޔާސީ ކުލަ ޖެހިފައިވާ މަންޒަރު ކަމަށެވެ.
"އަތް ލާން އުޅުނުކަމާ، އުޅެފާނެކަމާއި ފަހަތުން ދުއްވައިގެންކަމާއި ދުއްވައިގަނެފާނެ ކަމަށްޓަކައި ވެސް. އެހެންވީމަ މީގައި ޖުމްލަ ގޮތެއްގައި އަޅުގަނޑަށް ފެނިގެންދަނީ ސިޔާސީ ގޮތުން ކުރެވިފައިވާ ދައުވާތަކެއް ކަން،" ޒަރީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްރޭމް ކޮށްގެން އެފަދަ ދައުވާތަކެއް ކޮށްފި ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ކޮމިޓީން އެ މައްސަލާގައި ގޮތެއް ނިންމަން ޖެހޭނީ އެކަންކަން ވެސް ރަނގަޅަށް ބެލުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ފަހަރު ރާވައިގެން ވެސް މީހަކަށް ލަނޑު ދިނުމަށްޓަކައި މިކަހަލަ ކަންކަން ކޮށްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.
މިއީ އަލީ ވަހީދުގެ ދިފާއުގައި މިހާ ފާޅުކަން ބޮޑު ގޮތަކަށް، ސިޔާސީ ބޭފުޅަކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެވެ. އަދި އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 13 އަށް ވުރެ ގިނަ އެވެ.
ނަމަވެސް އެ ތުހުމަތުތައް އަލީ ވަހީދު ގެންދަވަނީ ދޮގު ކުރައްވަމުންނެވެ.