04 މާޗް 2021 - 07:22

މި ވަގުތު އެމެރިކާގެ މާކެޓްގައި އެންމެ އަގު ބޮޑު ގެ ވިއްކާލަން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.
މި ފަހަރު 119 މިލިއަން ޑޮލަރަށް ލިސްޓްކުރި ކެލިފޯނިއާގެ ބެވަލީ ހިލްސްގައި ހުންނަ "ބެވަލީ ހައުސް" ވިއްކާލަން އެންމެ ފުރަތަމަ 2007 ގައި ލިސްޓްކުރީ 165 މިލިއަން ޑޮލަރަށެވެ. އޭގެ ފަހުން 2010 ގައި 95 މިލިއަން، 2016 ގައި 195 މިލިއަން އަދި 2018 ގައި 135 މިލިއަން ޑޮލަރަށް ވިއްކައިލަން ވެސް ލިސްޓްކުރި އެވެ.
ކުޑަވަރެއްގެ ލަގްޒަރީ ރިސޯޓަކުން ލިބޭނެ ހުރި ވަސީލަތަކެއް ހުރި "ބެވަލީ ހައުސް" އަކީ 3.5 އޭކަރުގެ ބިމެއްގައި ހުރި ގެއެކެވެ. އެތަނުގައި 18 ކޮޓަރި އާއި 25 ފާހާނާ އާއި ބޮޑު އޮލިމްޕިކް ސްވިމިން ޕޫލަކާއި ދެ ބުރީގެ ލައިބްރަރީއަކާއި ވޯޓަފޯލް ފަދަ އެތައް ވަސީލަތެއް ހިމެނެ އެވެ.
ހޮލީވުޑްގެ ފިލްމުތައް ކަމަށްވާ 1992 ގެ "ދަ ބޮޑީގާޑް" އާއި 1972 ގެ "ދަ ގޯޑްފާދާ" ގެ މަންޒަރުތަކެއް ވެސް ޝޫޓްކުރި "ބެވަލީ ހައުސް" އަކީ 1926 ގައި އިމާރާތްކޮށްފައިވާ ތަނެކެވެ.
ކުރިން އެތަނުގެ ވެރިންނަކީ ނޫސް އެޖެންސީ ހިންގި އެމެރިކާގެ ވިޔަފާވެރިޔާ ވިލިއަމް ރަންޑޯފް ހާޒްޓް އާއި އޭނާގެ އަންހެނުން ބަތަލާ މެރިއަން ޑޭވީޒް އެވެ. އެ މީހުންގެ މިލްކުވެރިކަމުގެ ދަށުގައި ގެ ހުރީ 1967 އާ ހަމައަށެވެ.
މި ގެ އަކީ އެމެރިކާގެ 35 ވަނަ ރައީސް ޖޭއެފް ކެނެޑީ އާއި އަނބިކަނބަކުން ޖެކްލިން ކެނެޑީ 1953 ގައި ކައިވެނި ބައްލަވައިގެން ހަނީމޫން ހޭދަކުރެއްވި ގެ ވެސް މެ އެވެ.
އިޓަލީ އާއި ސްޕޭންގެ އިހުގެ އިމާރާތްކުރުމުގެ ފާޑުވެރިކަން މަސްހުނިކޮށްގެން އިމާރާތްކޮށްފައިވާ ގެ އަލުން ވިއްކާލަނީ ރިއަލް އެސްޓޭޓް ކުންފުނި ބިއުޝެމްޕް އެސްޓޭޓުންނެވެ. އެތަނުން ބުނީ މި ފުރުސަތު ހުުޅުވާލީ ދުނިޔޭގެ މުއްސަނދިންނަށް ހާއްސަކޮށްގެން ކަމަށެވެ. އެގޮތުން "ބެވަލީސް ހައުސް" އަށް އިނގިރޭސިވިލާތާއި މެދުއިރުމައްޗާއި ރަޝިއާ އާއި ޗައިނާ/ހޮންކޮންގް ފަދަ ތަންތަނުން ޝައުގުވެރިކަން ފާޅުކުރާނެ ކަމަށް ބުންޏެވެ.
"މިހާރު ވެސް ސައުދީ އާއި އަބޫ ދާބީގެ ޝާހީ އާއިލާއިންނާއި ޗައިނާ އާއި ހޮންކޮންގެ ބިލިއަނަރުން އެބަހުރި ޝައުގުވެރިކަން ފާޅުކޮށްފައި." ބިއުޝެމްޕުން ބުންޏެވެ.