03 މާޗް 2021 - 11:57

މިދިޔަ މަހު ތިން ވަނަ ދުވަހު މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މި މަހު 21 ވަނަ ދުވަހު ފެށޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
ލީގު މެދުކަނޑާލީ މާލެ ސަރަަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށެވެ. އާ ގައިޑްލައިނެއްގެ ދަށުން ފުޓްބޯޅަ ކްލަބްތަކުގެ ޕްރެކްޓިސްތައް ފަށަން އެޗްޕީއޭ އިން ދިން ހުއްދައާ އެއްގޮތަށް ކްލަބްތަކުން ޕްރެކްޓިސް ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފޮނުއްވި ސިޓީގައި މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލްކުރަން މި ވަގުތު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އަދި ދެ ހަފްތާ އަށް ފަރިތަކުރުންތައް މަޑުޖައްސާލުމަށް ވެސް އެދިފައިވެ އެވެ. އެއީ އެފްއޭއެމާއި ކްލަބްތަކުން ބޭނުންނަމަ އެވެ.
އެކަމަކު ރާއްޖޭގެ ދެ ކްލަބެއް ވާދަކުރާ އޭއެފްސީ ކަޕްގެ މެޗުތައް ވަރަށް އަވަހަށް އޮތުމުންނާއި ލީގު މެދުކަނޑާލާފައިވާ މުއްދަތުގައި ކްލަބްތަކާއި ކުޅުންތެރިންނަށް ލިބޭ އެކި ކަހަލަ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ހަރުކަށި ގައިޑްލައިންތަކެއްގެ ތެރެއިން ވިޔަސް ކްލަބްތަކުން ނިންމީ ޕްރެކްޓިސް ފަށާށެވެ. އެއީ އިތުރަށް ލަސްކޮށްފިނަމަ ލިބިފައިވާ ގެއްލުން ބޮޑުވާނެތީ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް "މިހާރު" އަށް ވިދާޅުވީ ލީގު ފަށަން ޓާގެޓްކުރަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.
"ހަގީގަތުގައި މިހެން ބުންޏަސް ހާލަތު ބަދަލުވަމުން އަންނަގޮތާއި އެޗްޕީއޭގެ މަޝްވަރާތަކުގެ މަތިން ކަންތައްތައް (ލީގު ފެށުމުގެ ކަންތައްތައް) ނިންމެން މި އަންނަނީ. އެކަމަކު މީގެ ވިސްނަން ޖެހޭ ކަމެއް އެއީ އަންނަ މަހު އޭއެފްސީ ކަޕް ވެސް އެބައޮތް ރާއްޖޭގެ ޓީމަކަށް. އެހެންވީމަ އެ ހުރިހާ ކަމަކަށް ބަލައިގެން ލީގު ފެށުމުގެ މަސައްކަތްތައް މި ކުރެވެނީ،" ޖަވާ ވިދާޅުވި އެވެ.
ލީގު މެދުކަނޑާލިއިރު ވަނީ ފުރަތަމަ ބުރާއި ދެ ވަނަ ބުރުގެ ފުރަތަމަ މެޗުތަކުގެ ކުޅުން ވެސް ނިމިފަ އެވެ.
ކްލަބްތަކުން މި ހަފްތާގައި ޕްރެކްޓިސް ފެށިއިރު ވަނީ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ކުރިއަށް ވުރެން ބޮޑަށް ސަމާލުވާން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ބާރު އަޅައިފަ އެވެ. އަދި ބައެއް ކްލަބްތަކުން ވަނީ ޕްރެކްޓިހުގެ އިތުރުން އާންމު ދިރިއުޅުމުގައި އަމަލުކުރަން ސިއްހީ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފުވާ ކުޅުންތެރިންނާ މެދު ވެސް ފިޔަވަޅު އަޅަން ނިންމާފައިވާކަން އެނގިފައިވެ އެވެ.
ކޮވިޑް-19ގެ ކޭސްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ފުޓްބޯޅަ ކްލަބްތަކުގެ އެދުމާ އެއްގޮތަށް ޕްރެކްޓިސް ފެށޭނެ މަގެއް ހޯދައިދިނީތީ ކްލަބްތަކުން ވަނީ އެފްއޭއެމާއި އެޗްޕީއޭ އާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
މިހާރު އޮތްގޮތުން ވީ އެންމެ އަވަހަށް ލީގު ފެށުން އެންމެ މުހިއްމީ އޭއެފްސީ ކަޕްގައި ކުޅޭ އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އާއި މިދިޔަ އަހަރުގެ ރަނަރަޕް އީގަލްސް އަށެވެ. އަންނަ މަހު ހަތް ވަނަ ދުވަހު އީގަލްސް އިން ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް އޭއެފްސީ ކަޕް ކޮލިފައިން ފުރަތަަމަ މެޗާއި މެއި މަހު އޮންނަ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން ހަމަޖެހިފައިވަނީ މާލޭގަ އެވެ. ރާއްޖޭން މެޗުތައް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.
ގްރޫޕް ސްޓޭޖުން މި ވަގުތު ފުރުސަތު ހޯދާފައިވާ ރާއްޖޭގެ ކްލަބަކީ މާޒިޔާ އެވެ. ކޮލިފައިންގެ ތިން މެޗުން މޮޅުވެއްޖެނަމަ އީގަލްސް އަށް ވެސް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.