04 މާޗް 2021 - 07:23

ސިޔާސީ ދާއިރާ އިން ފެނިދާނެ ކަމަށާއި އެހެންވެ ކޮންމެވެސް ހިސާބަކުން އެމެރިކާގެ ރައީސްކަމަށް ވެސް ވާދަކޮށްފާނެކަމުގެ އިޝާރާތެއް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިލް ސުމިތު ދީފި އެވެ.
ނެޓްފްލިކްސް އަށް ގެނައި އޭނާގެ ހަ އެޕިސޯޑްގެ ޑޮކިއުސީރީޒް "އެމެންޑް: ދަ ފައިޓް ފޯ އެމެރިކާ" ގެ ޕްރޮމޯޝަނަށް އޭގެ ޓީމާ އެކު "ޕޮޑް ސޭވް އެމެރިކާ" ގެ ހޯމަ ދުވަހުގެ އެޕިސޯޑްގައި 52 އަހަރުގެ އެކްޓަރު ބުނީ އޭނާ އަކީ އަބަދު ވެސް ގައުމުގެ ކަންކަމާ ދޭތެރޭ ވަރަށް ބޮޑަށް ފިކުރުކޮށް ވިސްނާ މީހެއް ކަމަށެވެ.
"އަހަންނަކީ އަބަދު ވެސް ހައްގު ބަސް ބުނުމުގައި ދެމިހުންނާނެ މީހެއް. އެހެންވީމަ އަހަރެން އަދާކުރަން ޖެހޭ ދައުރު އަބަދު ވެސް އަދާކުރާނަން،" ކަޅު ނަސްލުގެ އެކްޓަރު ބުންޏެވެ. "އެއީ އާޓިސްޓިކް ސައިޑުން ކަމަށް ވިޔަސް ނުވަތަ ކޮންމެ ވެސް ހިސާބަކުން ސީދާ ސިޔާސީ ދާއިރާގެ ތެރެއިން ކަމަށް ވިޔަސް."
ވިލް ބުނީ އެމެރިކާގެ ރައީސް ކަމަށް އޭނާ އައުމުގެ ކުރިން ވައިޓް ހައުސްގައި ސާފުކޮށް ތާހިރުކުރަން ޖެހޭ ކަމަށެވެ. އެގޮތަށް އޭނާ އިޝާރާތްކުރީ ޑޮނަލްޑް ޓްރަމްޕްގެ ހަތަރު އަހަރުގެ ދައުރު މި އަހަރުގެ ކުރީކޮޅު ނިމުމަކަށް އައި އިރު ވައިޓް ހައުސްގައި ހާވާފައި ހަޑިތައްއް ސާފުކުރަން މިހާރުގެ ރައީސް ޖޯ ބައިޑެން ކުރައްވާ މަސައްކަތްތަކަށް ރައްދުކޮށެވެ.
"ވައިޓް ހައުސް ސާފުވަންދެން މަޑުކޮށްލަމާ. އޭރުން އަހަރެން ވިސްނާނަން ރައިސް ކަމަށް ކުރިމަތިލުމާ ދޭތެރޭގަ ވެސް." ވިލް ބުންޏެވެ.
ހޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެމެރިކާގެ ރައީސް ކަމަށް ވާދަކުރަން ކުރިން ޝައިގުވެރިކަން ފާޅުކޮށްފައިވާ ތަރިންގެ ތެރޭގައި މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަން (ރޮކް) ވެސް ހިމެނެ އެވެ. މިދިޔަ އަހަރަކީ ރިޔާސީ އިންތިހާބުގައި މިއުޒިޝަން ކަންޔޭ ވެސްޓް ވެސް ވާދަކުރި އިންތިހާބެކެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ވިލްގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ނޮވެމްބަރު 19 ގައި ގެނެސްދޭ "ކިންގް ރިޗަޑް" އެވެ.