ރާއްޖޭގެ ކޮވިޑް ވެކްސިން ކެމްޕެއިނަށް ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް
ރާއްޖޭގެ ކޮވިޑް ވެކްސިން ކެމްޕެއިނަށް ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ކެމްޕެއިނަށް އެހީވުމަށް ބަންގްލަދޭޝް އެއާ ފޯސްގެ ސިއްހީ ހިދުމަތްތެރިންގެ ޓީމެއް މިއަދު ރާއްޖެ އަންނަން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ، ބަންގްލަދޭޝް އެއާ ފޯސްގެ 11 ނަރުހަކާއި މެޑިކަލް 10 އެސިސްޓެންޓުން އަދި އެނެސްތިޒިއޮލޮޖިސްޓަކު ރާއްޖޭގައި ދެ މަސްވަންދެން މަސައްކަތްކުރާނެ ކަމަށެވެ. ސިއްހީ ހިދުމަތްތެރިންގެ ޓީމު ހަވީރު އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށެވެ.

ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތަކީ ރާއްޖޭގައި އުޅޭ އެންމެންނަށް ހަމަހަމަ ކަމާއެކު ވެކްސިން ދިނުމެވެ. ގަވައިދާ ހިލާފަށް އަދި ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރާނެ އެވެ.

ރައީސްގެ އިސްނެންގެވުމުގެ މަތިން އެ ކެމްޕޭނަށް އެހީތެރިކަން ހޯދަން ބަންގްލަދޭޝް ސަރުކާރަށް ދައުވަތު ދެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ މަހުގެ 10-11 އަށް ގައުމަށް ކުރެއްވި ދަތުރުގަ އެވެ. ބަންގްލަދޭޝްގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައި ވެކްސިން ކެމްޕެއިނަށް އެހީތެރިކަން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

އެ ގައުމުގެ މެޑިކަލް ޓީމުން، ރާއްޖޭގެ ޓީމުތަކާއެކު މާލެ ސަރަހައްދުގެ އިތުރުން ރީޖަނަލް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާނެ އެވެ. އެ މީހުންގެ އެހީތެރިކަމާއެކު ބަންގްލަދޭޝް މަސައްކަތްތެރިންނަށް ވެކްސިން ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ބޮޑެެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ބަލިން ރައްކާތެރިވުމަށް މިދިޔަ މަހުގެ އެއް ވަނަ ދުވަހު ކެމްޕެއިން ފަށައި މިހާތަނަށް 123،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައި ވެ އެވެ.