އުރީދޫގެ ހިއްސާއަކަށް 2.34ރ. ބަހަން ފާސްކޮށްފި
އުރީދޫގެ ހިއްސާއަކަށް 2.34ރ. ބަހަން ފާސްކޮށްފި

އުރީދު އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 2.34ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ "ފަހިވޯޓް" މެދުވެރިކޮށް ބޭއްވި އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި ހުރިހާ ހިއްސާދާރުން މި އަދަދު ފާސް ކުރުމަށް ވޯޓު ދިނެވެ. މި ޖަލްސާގައި ޕްރޮކްސީއާއެކު އުރީދޫގެ 44 ހިއްސާދާރަކު ބައިވެރިވިއިރު ވޯޓު ދީފައިވަނީ 34 މީހެކެވެ.

އުރީދޫގެ ބޯޑުން ހިއްސާއަކަށް 2.34ރ. ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ފައިދާ އަށް ރިއާޔަތް ކޮށެވެ. ފައިދާގެ 85 ޕަސެންޓު ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 407 މިލިއަން ރުފިޔާ ލިބުނެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައުމުން އުރީދު އަށް މިދިޔަ އަހަރު ލިބުނު ފައިދާ ވަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު ދަށްވެފަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރަށް ބަލާއިރު ދަށް އަދަދެއް ނޫން ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވި އެވެ.

"މިދިޔަ އަހަރަކީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އާމްދަނީ ދަށް އަހަރެއް. އެކަމަކު ގެއްލުންވި އަހަރެއް ނޫން. ރާއްޖޭގެ މިދިޔަ އަހަރުގެ ޖީޑީޕީއާ އަޅާ ބަލާއިރުވެސް އުރީދޫގެ ފައިދާ ގިނަ،" ނަޖީބު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ހިއްސާގެ ފައިދާގެ އިތުރުން މި އަހަރު އެ ކުންފުނި އޮޑިޓް ކުރަން ކުންފުންޏެއް ވެސް ވަނީ ފާސްކޮށްފަ އެވެ.، އުރީދޫގެ ބޯޑުން ހުށަހެޅި ކުންފުނި، ވޯޓާ ހައުސް ކޫޕާސް އޮޑިޓަރުންގެ ގޮތުގައި ކަނޑައެޅިއިރު، އެ ކުންފުނީގެ އުޖޫރައެއްގެ ގޮތުގައި ފާސްކޮށްފައި ވަނީ 59،600 ޑޮލަރެވެ. މިއީ މި ކުންފުނި އުރީދޫގެ އޮޑަރެއްގެ ގޮތުގައި ހަމަޖެއްސި ދެވަނަ އަހަރެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން 90 ޕަސެންޓް ހިއްސާ އަކީ ވަތަނިޔާ އިންޓަނޭޝަނަލް އެވެ. އަދި 5.64 ޕަސެންޓް ހިއްސާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ތަމްސީލު ކުރާއިރު އާންމުންގެ ހިއްސާގެ އަދަދަކީ 3.86 ޕަސެންޓެވެ.