ކޮވިޑްގައި މަރުވާ މީހުން ލަންކާގައި ވަޅުލާނީ ދުރުގައިވާ ރަށެއްގައި
ކޮވިޑްގައި މަރުވާ މީހުން ލަންކާގައި ވަޅުލާނީ ދުރުގައިވާ ރަށެއްގައި

ކޮލަމްބޯ (މާޗް 2) - ކޮވިޑްގައި މަރުވާ މުސްލިމުންނާއި ކްރިސްޓިއަނުން ވަޅުލުމަށް ލަންކާގައި ވަކި ރަށެއް ހަމަޖައްސައިފި އެވެ.

ލަންކާގައި ސަރުކާރުން ކުރިން ވަނީ ކޮވިޑްގައި މަރުވާ އެންމެން އެ ގައުމުގެ ބުޑިސްޓުން ކަންކުރާ ގޮތަށް އަންދައިފަ އެވެ. އޭރު ބުނަމުން ދިޔައީ ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލައިފި ނަމަ ފެނުގެ ޒަރިއްޔާ އިން ވައިރަސް ފެތުރޭނެ ކަމަށެވެ.

އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވާން ފެށުމުން ލަންކާ ސަރުކާރުން މިދިޔަ ހަފުތާގައި ވަނީ ކޮވިޑްގައި މަރުވާ މީހުން އެންދުމުގެ ބަދަލުގައި ވަޅުލުމުގެ ހުއްދަދީފަ އެވެ. އެކަމަކު ވަޅުލުމުގެ ހުއްދަ ދީފައި ވަނީ ގަލްފް އޮފް މަންނާރުގައި ވަކިން އޮންނަ އިރަނަތިވޫ ކިޔާ، ވެރިރަށް ކޮލަމްބޯއާ 300 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. އެއީ ލަންކާ ހަނގުރާމައިގައި ވިއްސިވިހާލި 250 ތަމަޅައިން މިހާރު ދިރިއުޅޭ ރަށެކެވެ.

ލަންކާގައި ކޮވިޑްގައި މަރުވާ މީހުން އަންދަން މިދިޔަ އެޕްރީލް މަހު ނިންމުމުން މުސްލިމުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ. އަދި އެމްނެސްޓީ އާއި އދ. ފަދަ ޖަމާއަތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. ބަލި ފެތުރުން ހުއްޓުވަން، ކޮވިޑްގައި މަރުވާ މީހުން އެންދުމަކީ ސައެންޓިފިކް ގޮތުން ސާބިތު ކަމެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ބުނެފައިވެ އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާގެ އޮފީހުން ބުނެފައި ވަނީ ކޮވިޑްގައި މަރުވާ މީހުން އެންދުމަކީ އެ މީހުންގެ ދީނަށް އިހްތިރާމް ކުޑަވާ ގޮތަށް ކުރާ ކަމެއް ކަމަށެވެ. ކޮވިޑްގައި މަރުވި އުމުރުން 20 ދުވަހުގެ މުސްލިމް ކުޑަކުއްޖަކު އެންދުމުން ލަންކާ ސަރުކާރަށް އަމާޒުވި ފާޑުކިޔުންތައް އިތުރުވި އެވެ.

ކޮވިޑްގައި މަރުވާ މުސްލިމުން ވަޅުލުމުގެ ހުއްދަ ލަންކާ އިން ދީފައި ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މިދިޔަ ހަފުތާގައި ލަންކާ އަށް ކުރެއްވި ޒިޔާރަތަށް ފަހު އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ލަންކާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރާ ދެކޮޅަށް ޕާކިސްތާނުގެ ތާއިދު ހޯދަން ލަންކާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ލަންކާ އިން މިހާތަނަށް ވަނީ 83,705 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 476 މީހުން މަރުވެފަ އެވެ.