02 މާޗް 2021 - 21:51

ވިލާ ކޮލެޖުން އަންނަ މެއި މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ތަފާތު އެކި ދާއިރާތަކުން ޖުމްލަ 111 ކޯހެއްގައި ބައިވެރިވުމުގައި ފުރުސަތު ދީފައިވަނީ އަންނަ މަހުގެ 24 ވަނަ ދުވަހާ ހަމައަށެވެ. ކިޔެވުން ފަށާނީ މެއި މަހުގެ ތިން ވަނަ ހަފުތާގެ ތެރޭގަ އެވެ.
އެ ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ޓީޗިން، އެޑިއުކޭޝަން، ޝަރީއާ، ލޯ، މާކެޓިން، ހިއުމަން ރިސޯސް، ސައިކޮލޮޖީ ފަދަ ދާއިރާތައް ހިމެނެ އެވެ.
މެއި މަހުގެ އިންޓޭކުގައި ސެޓްފިކެޓް ލެވެލް ދޭއްގެ ކޯހަކާއި ސެޓްފިކެޓް ލެވެލް ތިނެއްގެ 11 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި ޑިޕްލޮމާ ލެވެލްގެ 24 ކޯހަކާއި ޑިގްރީގެ 27 ކޯސް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ސެޓްފިކެޓް ފެންވަރުގެ 10 ކޯސް އަދި މާސްޓާސް ފެންވަރުގެ 15 ކޯހެއް ހިންގާނެ އެވެ. އޭގެ އިތުރުން އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވާސިޓީގެ ބީއެސްސީ އިން އެޕްލައިޑް އެކައުންޓިން ކޯހަށް ހުޅުވާލާފައި ވެ އެވެ.
ކޯސްތަކުގެ ތެރޭގައި އޮންލައިން، ބްލެންޑެޑް އަދި ފޭސް ޓު ފޭސްކޮށް ކިޔަވާ ކޯސްތައް ހިމެނެ އެވެ. އެއީ ވިލާގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުގެ ޑިގްރީ އަދި މާސްޓަސް ކޯސްތަކެވެ.
ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް މަހުން މަހަށް ބަހާލައިގެން ފީ ދެއްކުމުގައި ދަރިވަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައި ވެ އެވެ. ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުގެ ދަށުން ވިލާއިން ހިންގާ ޑިގްރީގެ ހުރިހާ ޕްރޮގްރާމެއްގައި ކިޔެވޭނެ އެވެ.