02 މާޗް 2021 - 18:57

ވީހާވެސް ގިނަ ކުދިންނަށް ބެޑްމިންޓަނުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އަމާޒުގައި މަޝްހޫރު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އައިޝަތު އަފްނާން ރަޝީދު، "އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ (އޭއާރްބީއޭ)" ގެ ނަމުގައި އެކަޑަމީއެއްގެ މަސައްކަތް ފަށައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު އަފްނާންގެ ބޭބެ އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު ވެސް ވަނީ އަމިއްލަ އެކަޑަމީއެއް ފަށައިފަ އެވެ. "އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ"ގެ ނަމުގައި ފެށި މި އެކެޑަމީގައި އަފްނާން ވެސް މަސައްކަތްކުރެ އެވެ.

އަފްނާންގެ އުފަން ދުވަހު (މާޗް 1) ގައި އޭނާ އަމިއްލަ އެކަޑަމީއެއް ރަޖިސްޓްރީ ކުރުމުގެ ފަހަތުގައި އެކި ސަބަބުތަކެއްވެ އެވެ.
އަފްނާން "މިހާރު" އަށް ބުނީ ކިޔަވައި ނިމުނު ގޮތަށް 2012 ވަނަ އަހަރުން ފެށިގެން ބެޑްމިންޓަން ކޯޗިންގެ މަސައްކަތްތަކުރަމުން އަންނަ ކަމަށެވެ. އެކަމަކު ވަރަށް ފަހަކާ ޖެހެންދެން އަމިއްލަ ބެޑްމިންޓަން އެކަޑަމީއެއް ފެށުމުގެ ހިޔާލެއް ނެތް ކަމަށާއި އެކަމަކު ހާލަތު ދިމާވާ ގޮތުން އަމިއްލަ އެކަޑަމީއެއް ފެށުން ވަރަށް މުހިއްމުކަން އެނގުނު ހިސާބުން އެކަން ކުރީ ކަމަށް އަފްނާން ބުންޏެވެ.
"އަބަދުވެސް ބެޑްމިންޓަން ކޯޗިން އަށް ޝައުގުވެރިކަން ހުރޭ. ފުރަތަމަ ބިލަބޮން ސްކޫލްގެ ކުދިންނަށް ކޯޗުކޮށްދޭން ދިޔައީ. ދެން އެކި ކޯޗިން އޮޕޮޗިއުނިޓީ ބޭނުންހިފައި ވަރަށް ގިނަ މީހުންނަށް ކޯޗުކޮށްދެން. ދެން ވަރަށް ފަހުން އެކަޑަމީއެއްގެ ހިޔާލު މިއައީ. ހަގީގަތުގައި ބޭނުންވީ ވީހާވެސް ގިނަ ކުދިންނަށް ފުރުސަތު ލިބޭ ގޮތަށް ކުރިއަށްދާން،" އަފްނާން ބުންޏެވެ.
އަފްނާން ބުނީ ބޭނުންވަނީ އަޖުފާން އެެކަޑަމީއާ އެކު ވީ އެންމެ ރަނގަޅަށް ދެ އެކެޑަމީ ގުޅިގެން ގިނަ ބަޔަކަށް އެހީތެރިވެދެވޭ ގޮތަށް ބެޑްމިންޓަނަށް ހިދުމަތްތަކެއް ކޮށްދިނުމަށް ކަމަށެވެ.
"މިސާލަކަށް ދޮމްބެ (އަޖުފާން) އެކަޑަމީ އަށް ހެދުނު ދާ ކުދިންނަށް ކޯޓް އެެވެއިލަބިލިޓީ އިންނަ ގޮތުން އެ ގަޑީގައި އެކަނި މި ޓްރެއިން ކުރެވެނީ. ދެން ހެދުނު ސްކޫލަށް ދާ ކުދިން އެއްކޮށް ބާކީ އެބަވޭ. ދެން އެ ކަހަލަ އެކި ސަބަބުތަކާ ހުރެ ކުދިންނަށް ފުރުސަތު ގެއްލޭތީ ވީހާވެސް ގިނަ ކުދިންނަށް ފުރުސަތު ހޯދައިދޭން އަމިއްލަ އަށް އެކަޑަމީ އެއް ފެށީ،" އަފްނާން ބުންޏެވެ.
"މީގެ ރަނގަޅު އަންޑަސްޓޭންޑިން އެއްގެ ދަށުން ދެ މީހުން އެއްކޮށް މަސައްކަތްކޮށްގެން ވީހާ ވެސް ގިނަ ކުދިންނަށް ޓްރެއިނިން ދިނުން މިއީ އަސްލު މީގެ އެންމެ ބޮޑު ޓާގެޓަކީ. އެއީ އެއް އެކަޑަމީ އަށް ވުރެން ބޮޑަށް ދެ އެކަޑަމީއެއް ގުޅިގެން މަސައްކަތްކޮށްގެން މީގެ ވަރަށް ރަނގަޅަށް ކުރިއަށްގެންދެވޭނެ ކަމަށް ގަބޫލުކުރެވެނީ،"
އަފްނާން ހުޅުމާލޭގައި ދިރިއުޅޭތީ އޭނާގެ އެކަޑަމީގެ ޓްރެއިނިންގެ ބޮޑު ފޯކަސް އެއް އޮތީ ވެސް އެތަނަށެވެ. އެކަމަކު ކުރިމަގުގައި ޓްރެއިނިން ކުރިއަށްގެންދަން މާލޭގެ ބެޑްމިންޓަން ކޯޓުތައް ލިބޭ ގޮތަކަށް ބެލުމަށް ފަހު އެކި ތަންތަނުގައި ވެސް އެކަޑަމީގެ މަސައްކަތްތައް ކުރުމަކީ އޭނާގެ އެކެޑަމީގެ ޓާގެޓެކެވެ.
ގައުމީ ލެވަލްގައި ގިނަ އަހަރުތަކެއް ވަންދެން ބެޑްމިންޓަން ކުޅެ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކުރި އަފްނާން ބެޑްމިންޓަން ކުޅުމުން ބްރޭކެއް ނެގީ 2017 ވަނަ އަހަރު މެލޭޝިއާ އަށް ދިއުމަށެވެ. އޭގެ ފަހުން އޭނާ ރަސްމީކޮށް ކުޅުމަށް އެނބުރި އައީ މިދިޔަ އަހަރު ބޭއްވި މުބާރާތުގަ އެވެ. އަފްނާންގެ ވިސްނުން ހުރީ އެކަޑަމީ އަށް ގިނަ ވަގުތު ދިނުމަށް ފަހު ވެސް ކުޅުމުގެ ކެރިއަރު ކުރިއަށް ގެންދިއުމަށެވެ.
އަފްނާން އެކަޑަމީގެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ 16 އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނާ އެކު އެވެ. އެއީ ފަސް އަހަރުން ފެށިގެން 16 އަހަރުން ދަށާ ހަމައަށެވެ. ޒުވާން ހުރިހާ އުމުރުފުރާ އަކަށް ހުޅުވާލައިގެން އެކަޑަމީ ކުރިއަށް ގެންދަން އަފްނާން ވިސްނާފައިވާއިރު، އެކަޑަމީއާ ގުޅުމަށް ފޭސްބުކް އާއި އިންސްޓަގްރާމް މެދުވެރިކޮށް ކޮންޓެކްޓް ކުރެވޭނެ ކަމަށް އަފްނާން ވަނީ ބުނެފަ އެވެ.