ކޮވިޑް ވެކްސިން ޖަހަން 18 އަހަރުން މައްޗަށް ހުޅުވާލައިފި
ކޮވިޑް ވެކްސިން ޖަހަން 18 އަހަރުން މައްޗަށް ހުޅުވާލައިފި

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހަން 18 އަހަރުން މަތީގެ މީހުންނަށް ހުޅުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ 18 އަހަރުން މަތީގެ އެންމެންނަށް މާދަމާއިން ފެށިގެން ވެކްސިން ދޭން ފަށާނެ ކަމަށެވެ.

މާލެ ސަރަހައްދުގެ ހަތް ސެންޓަރަކާއި ތަންތަނަށް ގޮސް ވެކްސިން ޖަހައިދިނުމަށް ދެ ޓީމެއް ހަރަކާތްތެރިވެ އެވެ. އޭގެ އިތުރުން ރަށްރަށުގެ 169 ސެންޓަރަކުން ވެކްސިން ޖަހައިދެ އެވެ.

ވެކްސިން ޖަހައިދެމުން އަންނަނީ އެކި އުމުރުތަކަށް ބަހާލައިގެންނެވެ. ފްރޮންޓްލައިނާއި ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށް ވެކްސިން ދިނުމަށްފަހު އެކި އުމުރުތަކަށް ހުޅުވާލާފައި ވެ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހައިދޭން ފެށީ މިދިޔަ މަހުގެ އެއް ވަނަ ދުވަހެވެ. އޭގެ ފަހުން، ރެއާ ހަމައަށް 117،115 މީހުންނަށް ކޮވިޑް ވެކްސިން ދީފައި ވެ އެވެ.

މާލެ ސަރަހައްދުން 77،251 އަދި ރަށްރަށުން 39،864 މީހަކަށް ކޮވިޑް ވެކްސިން ދީފައި ވެ އެވެ.