02 މާޗް 2021 - 14:15

ވޮޝިންޓަން (މާޗް 2) - އެމެރިކާގައި ކޮރޯނާވައިރަހުގެ ހަތަރު ވަނަ ރާޅެއްގެ ބިރު ބޮޑު ކަމަށް ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ޑިރެކްޓަރު ޑރ. ރޮޗޭލް ވަލެންސްކީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ ވިދާޅުވީ މިހާރު އޮތް އެންމެ ބޮޑު އެއް ބިރަކީ އާ ވޭރިއަންޓްތައް ފެންނަމުންދާތީ ކަމަށެވެ. އަލުވިކަމާ އެކު ފެތުރެމުންދާ އާ ވޭރިއަންޓްތައް އެމެރިކާ އިން ވެސް ފެނިފައިވުމާ އެކު އެ ގައުމުން މިދިޔަ ހަފުތާގައި ދުވާލަކު އެވްރެޖްކޮށް 70،000 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި އެއީ ވަރަށް މަތީ އަދަދެއް ކަމަށް ވަލެންސްކީ ވިދާޅުވި އެވެ. މިދިޔަ ހަފުތާގައި ވަނީ ދުވާލަކު ގާތްގަނޑަކަށް 2،000 މީހުން މަރުވެފަ އެވެ.
"އާ ވޭރިއަންޓްތައް ފެތުރެމުން ދިއުމާ އެކު، އުނދަގުލުން ހޯދި ކާމިޔާބީ ގެއްލިގެން ހިނގައިދާނެ. މި ވޭރިއަންޓްތަކަކީ އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ހަގީގީ ނުރައްކަލެއް،" އެކަމަނާ ވިދާޅުވި އެވެ.
ކޮރޯނާވައިރަހުގެ ވަރަށް ގިނަ ވޭރިއަންޓްތައް މިހާރު ވަނީ އުފަންވެފަ އެވެ. ނަމަވެސް ސިއްހީ އޮފިޝަލުން އެންމެ ކަންބޮޑުވަނީ އިނގިރޭސި ވިލާތް، ބްރެޒިލް އަދި ސައުތު އެފްރިކާ އިން ފެނިގެން އުޅޭ ބާވަތުގެ، ހަލުވިކަމާ އެކު ފެތުރިގެންދާ ވޭރިއަންޓްތަކާ މެދު އެވެ.
ސީޑީސީން ލަފާކުރަނީ އިނގިރޭސިވިލާތުން ފެނުނު ބީ.1.1.7 ވޭރިއަންޓަކީ އެމެރިކާގައި އެންމެ އާއްމު ސްޓްރެއިން އަށް މި މަސްތެރޭ ވާނެ ކަމަށެވެ.
ވަލެންސްކީ ވިދާޅުވީ ހަތަރު ވަނަ ރާޅެއް ހުއްޓުވުމުގެ ގާބިލްކަން އެމެރިކާ އަށް ލިބިފައިވާ ކަމަށާއި އެކަމަކު އެއީ ފިޔަވަޅުތައް ރަނގަޅު ގޮތުގައި ތަންފީޒްކޮށްގެން ކަމަށެވެ.
ސައެންސްވެރިން ބުނަނީ މިހާރު ބޭނުންކުރާ ވެކްސިންތަކުގެ ސަބަބުން ވެސް އާ ވޭރިއަންޓްތަކުން ރައްކާތެރިކަން ލިބޭނެ ކަމަށެވެ. ސީޑީސީގެ ޑޭޓާތައް ދައްކާ ގޮތުން އެމެރިކާގައި ހޯމަ ދުވަހުގެ ނިޔަލަށް ވަނީ 76 މިލިއަން މީހުން ވެކްސިން ޖަހައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ވެސް މިހާރު ވަނީ ވެކްސިން ޖައްސަވައިފަ އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 29,314,254 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 527,226 މީހުން މަރުވެފަ އެވެ.