ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 16 ރުފިޔާއަށް ވެއްޓިއްޖެ
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 16 ރުފިޔާއަށް ވެއްޓިއްޖެ

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު. ކޮވިޑްގެ ތެރޭގައި މައްޗަށް ދިޔަ ފަހުން ފުރަތަމަ ފަހަރަށް 16ރ. އަށް ވެއްޓިއްޖެ އެވެ.

ކު ބާޒާރުގައި ޑޮލަރު ވިއްކަމުން އަންނަ ވައިބާ ބައެއް ގްރޫޕުތަކުގައި މިއަދު ޑޮލަރު ވިއްކަން ފަށާ އަގުގެ ގޮތުގައި އޮތީ 16.20ރ. އެވެ. މި ހަފުތާ ފެށި ފަހުން މި ގްރޫޕުތަކުގައި ޑޮލަރުގެ އަގު 17ރ އަށް ވުރެ ދަށަށް ވެއްޓިފަ އެވެ.

އިއްޔެ ހެނދުނު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 16.35ރ. އަށެވެ. ނަމަވެސް ހަވީރާ ހަމައަށް ދިޔައިރު 16.25ރ އަށް ތިރިވި އެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވި ނަމަވެސް ހުއްދަ ހޯދައިގެން ޑޮލަރުގެ މުއާމަލާތް ހިންގާ ތަންތަނުގައި އަދިވެސް ޑޮލަރެއްގެ އަގު އުޅެނީ 18ރ. އަށެވެ. އެކަމަކު ޑޮލަރު ކޮންޓްރޯލްކުރަނީ ކަޅު ބާޒާރުގައި ކަމަށް ވާތީ، ގިނަ އަދަދަކުން ޑޮލަރު ގަންނަ މީހުން މުއާމަލާތްކުރަނީ، ބެލެވޭ ގޮތުގައި، ވައިބަ ގްރޫޕްތައް މެދުވެރިކޮށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓުމުން އައި ހީނަރުކަމާ އެކު ޑޮލަރުގެ އަގު 20ރ. އަށް ވެސް އުފުލުނެވެ. އެންމެ ގިނަ ދުވަހު ޑޮލަރުގެ އަގު ހިފެހެއްޓިފައި އޮތީ 18ރ އާއި 19ރ ދެމެދުގެ އަގުތަކުގަ އެވެ.

މިހާރު ރާއްޖޭގެ ޓޫރިޒަމް ވަނީ، މިދިއަ އަހަރުގެ ހުއްޓުމާ އަޅާބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. އެހެންކަމުން ރާއްޖެއަށް ވަންނަ ޑޮލަރުގެ ނިސްބަތް ވެސް މިހާރު މައްޗަށް ދާނެ އެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15:42ރ އެވެ. ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އަކީ، ޑޮލަރުގެ ތާށިކަން އަންނަ ދުވަސްވަރު ފައިސާގެ މާރުކޭޓްގެ ކޮންޓްރޯލް ހޯދޭ ފަދަ ގާބިލް އިދާރާއަކަށް ނުވާތީ، ޑޮލަރުުގެ މުއާމަލާތް ހިންގަނީ އަބަދުވެސް ކަޅު ބާޒާރުގަ އެވެ.

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލްކުރަނީ ރާއްޖޭގެ ރިސޯޓަތަކުގެ މަހުޖަނުންނެވެ.

ޑޮލަރުގެ ކަޅު ބާާރު ނައްތާލައި ޑޮލަރު ގަނެ ވިއްކުމުގެ ނިޒާމް ރަނގަޅުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.