02 މާޗް 2021 - 14:07

ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ޕޮޒިޓިވްވެ، ހއ. ބާރަށާއި ގއ. ދެއްވަދޫ މޮނިޓަރިންނަށް ލައިފި އެވެ.
ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ސަމީމް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ މެންދުރު އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ، ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. އެއީ އެއް އާއިލާގެ ބައެކެވެ.
އެ މީހުންގެ ތެރެއިން، ހައި ރިސްކް ކެޓަގަރީގައި ހިމެނޭ 65 އަހަރުން މަތީގެ ފިރިހެނަކު ވަނީ ށ. ފުނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީ އަށް މިއަދު ބަދަލުކޮށްފަ އެވެ.
ސަމީމް ވިދާޅުވީ ޕޮޒިޓިވްވި ނުވަ މީހުންނާ އެކު، އެ ގޭގައި ވަކިން އުޅުނީ ހަތަރު މީހެއް ކަމަށެވެ. ރަށް މޮނިޓަރިންގެ ހާލަތަށް ގެނައި ކޮންޓެކްޓްވެދާނެ ކަމަށް ބަލައިފަ އެވެ.
"އެ ގޭގައި އެހެން ތަނެއްގައި ވަކިން މި ހަތަރު މީހުން އުޅުނީ. އެކަމަކު ވެސް ކޮންޓެކްޓު ވެދާނެ ކަމަށް ބަލާފައި، ރައްކާތެރިވުމުގެ ގޮތުން މޮނިޓަރިންގެ ހާލަތަށް ގެނައީ. އެ ހަތަރު މީހުންގެ ސާމްޕަލް ނަގައި ޓެސްޓުކުރަން ވެސް ފޮނުވާފައިވަނީ،" ސަމީމް ވިދާޅުވި އެވެ.
ގޭގައި ތިބި ހަތަރު މީހުންނާ ރަށުން ކޮންޓެކްޓްވި ކަމަށް ބެލެވޭ މީހުންގެ އުޅެނީ 100 ގަ އެވެ.
ކޮވިޑުގެ ބޮޑު ކްލަސްޓާއެއް އުފެދުނު ދެއްވަދޫ ވެސް އަނެއްކާ މޮނިޓަރިންނަށް ގެންދިޔައީ ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވުމުން، އެކަމާ ގުޅޭގޮތުން އިތުރަށް ބެލުމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ދެއްވަދޫގެ އިތުރުން، އެ އަތޮޅު ދާންދޫ ދެ މީހަކާއި ވިލިނގިލީ މީހަކާއި ލ. ފޮނަދޫގެ ހަތަރު މީހަކަށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެ ކްލަސްޓާއިން ބަލި ޖެހުނެވެ. މަހެއް ފަހުން ދެއްވަދޫ މޮނިޓަރިންގެ ހާލަތުން ނެގިއިރު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 60 އަށް ވުރެ ގިނަ އެވެ.