11 ނޮވެމްބަރ 2016 - 09:39

ބެލޯ ހޮރިޒޯންޓޭ، ބްރެޒިލް (ނޮވެމްބަރު 11) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ވާދަވެރި ބްރެޒިލް އަތުން 3-0 އިން ބަލިވެ އާޖެންޓީނާ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ރޭގެ މޮޅާ އެކު ބްރެޒިލް ވަނީ ދެކުނު އެމެރިކާ ކޮލިފައިން ތާވަލްގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ކޮންމެ ޓީމެއް ވެސް 11 މެޗު ކުޅުނުއިރު ބްރެޒިލް އެއް ވަނައިގައި އޮތީ 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ އުރުގުއޭ އެވެ. ރޭ އެކުއެޑޯ އަތުން 2-1 އިން މޮޅުވި އުރުގުއޭ ވަނީ 23 ޕޮއިންޓް ހަމަކޮށްފަ އެވެ.
ރޭގެ ބައްޔާ އެކު އާޖެންޓީނާ ވަނީ ކޮލިފައިންގެ ހަ ވަނަ އަށް ވެއްޓިފަ އެވެ. ރަަޝިއާގައި 2018 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕުން ޖާގަ ހޯދަން ބޭނުންނަމަ ކޮލިފައިންގައި ބާކީ އޮތް ހަތް މެޗުގެ ތެރެއިން ގިނަ މެޗުތަކުން އާޖެންޓީނާ މޮޅުވާންޖެހެ އެވެ.
ރޭގެ މެޗުގެ 25 ވަނަ މިނިޓްގައި އާޖެންޓީނާ ކޮޅަށް ބްރެޒިލްގެ ފުރަތަމަ ލަނޑު ޖެހީ ފިލިޕޭ ކޯޓީނިއޯ އެވެ. ލިވަޕޫލަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކޯޓީނިއޯ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީކަނަށެވެ.
ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ބްރެޒިލަށް ލީޑުފުޅާކޮށްދިނީ ނޭމާ އެވެ. މިއީ ބްރެޒިލް ގައުމީ ޓީމަށް ނޭމާ ކާމިޔާބު ކޮށްދިން 50 ވަނަ ލަނޑެވެ.
ރޭގެ މެޗުގައި އާޖެންޓީނާގެ ކުރިއަށް ކުޅުނު ކުޅުންތެރިން ހުއްޓުވަން ބްރެޒިލްގެ ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ލިއޮނަލް މެސީ ހުއްޓުވަން ޕީއެސްޖީގެ ޑިފެންޑަރު މާކުއީނިއޯސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ބްރެޒިލްގެ ފަހު ލަނޑު ކާމިޔާބުކުރީ މެޗުގެ ދެ ވަަނަ ހާފްގައި ޕައުލީނިއޯ އެވެ. އޭނާ މި ލަނޑު ޖެހީ ރެނާޓޯ އޮގަސްޓޯ ދިން ބޯޅައަކުންނެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ކޮލަމްބިއާ އާއި ޗިލީ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ޕެރަގުއޭ އަތުން 4-1 އިން ޕެރޫ މޮޅުވިއިރު، ބޮލިވިއާ އަތުން ވެނެޒުއޭލާ މޮޅުވީ 5-0 އިންނެވެ.