03 މާޗް 2021 - 07:48

އިންސްޓަގްރާމްގެ ވީޑިއޯ ޗެޓް ފީޗާ މިހާރަށް ވުރެ ވަރުގަދަކުރުމުގެ ގޮތުން އެއް ފަހަރާ ހަތަރު މީހުންނާ އެކު ލައިވް ސްޓްރީމްކުރެވޭ ގޮތަށް "ލައިވް ރޫމްސް" ގެ ނަމުގައި ފީޗާއެއް ލޯންޗްކޮށްފި އެވެ.
އެ ފީޗާ އައުމާ އެކު މިހާރު ދެ މީހުންނާ އެކު ހެދޭ ލައިވްސްޓްރީމް ހަތަރަކަށް އިތުރުވެގެން ދާނެ ކަމަށް ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން ބުންޏެވެ. "ލައިވް ރޫމްސް" އަކީ ވަރަށް ގިނަ ގޮތްގޮތަށް ބޭނުންކުރެވޭނެ ފީޗާއެކެވެ. އޭގެ ތެރޭގައި ޖޭމި ސެޝަންތަކާއި ރައްޓެހިންނާ އެކު ހޭންގްއައުޓްކުރުމާއި ޓޯކް ޝޯ އާއި ކިއުއެންޑް އާއި އިންޓަވިއުތަކާއި ލައިވް ޝޮޕިން ފަދަ ކަންކަމަށް ވެސް ބޭނުންކުރެވޭނެ ކަމަށް އިންސްޓަގްރާމްގެ ބްލޮގްގައި ބުންޏެވެ.
އާންމުންގެ މެދުގައި އެންމެ މަގުބޫލު ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމުން ބުނިގޮތުގައި "ލައިވް" ފީޗާ އަކީ މިދިޔަ އަހަރުން ފެށިގެން ވަރަށް ގިނަ ބަޔަކު އެކި ކަންކަމަށް ބޭނުންކުރަމުން އަންނަ މުހިއްމު ފީޗާއަކަށްވާތީ އެ ބޭނުން ކުރާ މީހުންނަށް "ލައިވް ރޫމްސް" ވެގެން ދާނީ އިތުރު ފަސޭހައަކަށެވެ. އެގޮތުން ލައިވްގައި ހިމެނޭ މައިގަނޑު ހުރިހާ ޓޫލްތަކެއްގެން އާ ފީޗާ އަށް ވެސް ގެންނާނެ އެވެ.
"ލައިވް ރޫމްސް" ވެގެން ދާނީ ރައްކާތެރިކަން ވެސް ބޮޑު ފީޗާއަކަށެވެ. އެގޮތުން ލައިވްގައި ބައިވެރިވާ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ އެކައުންޓެއް އެހެން ބައިވެރިޔަކު ބްލޮކްކޮށްފައިވާ އެ މީހަކަށް "ލައިވް ރޫމްސް" އަކަށް ނުވަދެވޭނެ އެވެ. އަދި ހަމަ އެގޮތަށް މިހާރުގެ "ލައިވް" ފީޗާ އިން ބްލޮކްކޮށްފައިވާ މީހެއް ނަމަ އެ މީހަކަށް ވެސް "ލައިވް ރޫމްސް" އަކަށް ނުވަދެވޭނެ އެވެ.
"ލައިވް ރޫމްސް" ހޯސްޓްކުރާ މީހަކަށް ލައިވް ބްރޯޑްކާސްޓްގައި ރިޕޯޓްކޮށް، ކޮމެންޓްތައް ބްލޮކްކޮށް އަދި ކޮމެންޓްތައް ފިލްޓަ ވެސް ކުރެވޭނެ އެވެ.
"ލައިވް ރޫމްސް" ވަރަށް އަވަހަށް އިންސްޓަގްރާމް ބޭނުންކުރާ ހުރިހާ މީހުންނަށް ދޫކޮށްލާނެ އެވެ. އޭރުން އައިއޯއެސް އާއި އެންޑްރޮއިޑް ގެންގުޅޭ މީހުންނަށް ވެސް ލިބޭނެ އެވެ.