ކޮވިޑް-19: މީދޫން އިއްޔެ 281 ރެންޑަމް ސާމްޕަލް ނެގި
ކޮވިޑް-19: މީދޫން އިއްޔެ 281 ރެންޑަމް ސާމްޕަލް ނެގި

އައްޑޫ މީދޫގައި ކޮވިޑް-19 ކޭސްތައް އިތުރުވާތީ ބަލީގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށް އިއްޔެ އެ އަވަށުން 281 ރޭންޑަމް ސާމްޕަލް ނަގައިފި އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި ހުޅުމީދޫ ހެލްތު ސެންޓަރު ގުޅިގެން އިއްޔެ ގިނަ އަދަދަކަށް ރޭންޑަމް ސާމްޕަލް ނެގީ އެކަމުގައި އެ އަވަށުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން އާދިއްތަ ދުވަހުގެ ރޭ ބުނުމަށް ފަހުގަ އެވެ.

އެހެންވެ މީދޫގެ ހުރިހާ ގެއަކުން ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ސިއްހީ މަރުކަޒުން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެ އަވަށުން މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިދިޔަ މަހުގެ ކުރީކޮޅު އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނުނު ފަހުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 91 އެވެ. އޭގެ ތެރެއިން 57 މީހަކު ރަނގަޅުވެ، މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 34 އެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދެނީ 4 މީހަކަށެވެ.

މިދިޔަ މަހުގެ 6 އިން ފެށިގެން އައްޑޫން ރޭންޑަމް ސާމްޕަލްގެ ގޮތުގައި 3،270 އަށް ވުރެ ގިނަ ސާމްޕަލް ނަގާފައިވެ އެވެ. އަދި މިހާރު ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދަކީ 472 އެވެ.

އައްޑޫގައި ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދަކީ އިއްޔެގެ ނިޔަލަށް 7،687 އެވެ.

އައްޑޫ އަދިވެސް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު ވަކިން އޮންނަ ހުޅުމީދޫ އަދިވެސް އޮތީ ހާއްސަ ފިޔަވަޅުތަކުގެ ތެރޭގަ އެވެ. އޭގެ ތެރޭގައި ރޭގަނޑު ކާފިއު ހިންގުމާއި ޖަމާއަތުގައި ނަމާދުނުކުރުން ފަދަ ކަންކަން ހިމެނެ އެވެ.